ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވަން މަގުފަހިވާނެ ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ސަމާއޯ އެގްރީމަންޓްގައި ބައިވެރިވާން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެމްބަރުންގެ އިއްތިފާގުންނެވެ.

Ad
rt

މި އެއްބަސްވުމުގައި ބައިވެރިވާން އެންމެ ފުރަތަމަ ނިންމީ ކެބިނެޓު ބައްދަލުވުމުގައެވެ. އޭގެ ފަހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމާ މެދުގައި ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި "ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތު، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރަކަށްވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އެގޮތުން، ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުން ވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭނެ،" ރައީސް އޮފީހުން ބުންޏެވެ.