އެމެރިކާގައި އެއްވެސް ލިޔެކިޔުމެއްނެތި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެމެރިކާ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ފިރިހެނުންނާއި އަންހެނުން ޑީޕޯޓްކުރުމުން ސަލާމަތް ކުރުމުގެ އާ ސިޔާސަތެއް ބައިޑަން އިއުލާނު ކުރައްވައިފިއެވެ.
މި އުސޫލުގެ ދަށުން ހުއްދަދޭނީ މަދުވެގެން 10 އަހަރު ވަންދެން އެމެރިކާގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ކަމަށްވާއިރު، އެ މީހުންނަށް ގާނޫނީ ގޮތުން އެ ގައުމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް އާސިޔާސަތު ވަނީ ފަރުމާކޮށްފައެވެ.
ބައިޑަން ވަނީ އަންގާރަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާގެ އިމިގްރޭޝަން ނިޒާމަކީ ހިޖުރަވެރިންނާއި ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނާއި އެމެރިކާގެ އެންމެންނަށް "އިންސާފުވެރި" އަދި "އަނިޔާވެރިކަން ކުޑަ" ނިޒާމަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް އިމިގްރޭޝަނަކީ ވޯޓުލާ ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާތީ، ބައިޑަން އަށް ވަނީ އެ މައްސަލަ ހައްލު ކުރުމަށް ޕްރެޝަރު ކުރިމަތިވެފަ އެވެ. މި ސިޔާސަތަކީ 2012 ވަނަ އަހަރު އޮބާމާގެ ސަރުކާރުން ހިންގި ޑިފާޑް އެކްޝަން ފޯ ޗައިލްޑްހުޑް އެރައިވަލްސް (ޑީއޭސީއޭ) ޕްރޮގްރާމަށް ފަހު އެމެރިކާގައި މިހާރުވެސް ލިޔެކިޔުން ނެތް ހިޖުރަވެރިންނަށް ލިބުނު އެންމެ ބޮޑު ލުޔެވެ.
"އަޅުގަނޑު މިއަދު އިއުލާނު ކުރާ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މި އަހަރުގެ ހޫނު މޫސުމުގެ ފަހުކޮޅު،" ބައިޑަން ވިދާޅުވި އެވެ. ރިޕަބްލިކަން ޕާޓީއަށް ފާޑުކިޔާ ފަރާތްތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އެހެން ން ޕާޓީތަކުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އަޅުގަނޑު އަޅަމުންދާ ފިޔަވަޅަކީ އެމެރިކާގެ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް އޮތް ފިޔަވަޅެއް ކަމަށެވެ.
ވައިޓް ހައުސްއިން ބުނީ އާ އުސޫލުގެ ދަށުން ލިޔެކިޔުން ނެތް ފަސް ލައްކައަށް ވުރެ ގިނަ ފިރިންނަށް ޝަރުތު ހަމަވާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން 21 އަހަރުން ދަށުގެ ގާތްގަނޑަކަށް 50،000 ޒުވާނުންނަށް އޭގެ ފައިދާ ކުރާނެ ކަމަށާއި އެ މީހުންގެ މައިންބަފައިން އެމެރިކާގެ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ކަމަށެވެ.
ކޮލިފައިވުމަށް ލިޔެކިޔުން ނެތް ފިރިންނަކީ މަދުވެގެން 10 އަހަރު އެމެރިކާގައި ދިރިއުޅެމުން އައި އަދި ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކައިވެނިކޮށްފައިވާ މީހެއް ކަމުގައި ވާންޖެހެއެވެ. އަދި އެޕްރޫވްކޮށްފައިވާ ފަރާތްތަކަށް ތިން އަހަރު ދުވަހުގެ ވޯކް ޕާމިޓް ލިބޭއިރު ޕާމަނަންޓް ރެސިޑެންސީއަށް އެދި ހުށަހަޅަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.
އިމިގްރޭޝަނަށް ވަކާލާތު ކުރާ ބައެއް ފަރާތްތަކުން އެކަމަށް މަރުހަބާ ކިޔާއިރު، އަނެއް ބަޔަކު ބައިޑަންގެ އެގްޒެކެޓިވް ބާރު ގެއްލުވާލި ކަމަށް ބުނެ ފާޑުކިޔަ އެވެ. ނަމަވެސް ވައިޓް ހައުސްއިން ގަބޫލުކުރާ ގޮތުގައި އާ ސިޔާސަތުގެ ސަބަބުން އާއިލާތައް އެކުގައި ބެހެއްޓުމަށާއި އިމިގްރޭޝަން ނިޒާމުގައި ޒަމާނުއްސުރެ އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ އެވެ.
އަދި ހޫނު މޫސުން ނިމުމުގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބެލެވެ އެވެ. މިކަން ހާމަކޮށްފައި މިވަނީ އެމެރިކާ އާއި މެކްސިކޯ ގެ ބޯޑަރަށް ރެކޯޑް އަދަދަކަށް ބިދޭސީން އައުން ހުއްޓުވުމަށް ބައިޑަން ވަކި ފިޔަވަޅުތަކެއް އަޅުއްވާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!