ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ހދ. ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފިއެވެ.
ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފައިވާކަން އަންގައި އެރަށު ކައުންސިލުން ބުރާސްފަތި ދުވަހު ވަނީ ދަނޑުގެ ގޭޓުގައި ނޯޓެއް ހަރުކޮށްފައެވެ. އެ ނޯޓުގައި ބުނެފައި ވަނީ ''ފުޓްސަލް ދަނޑު ހަލާކުވެފައިވާތީ ބަންދުކުރެވިފަ'' ކަމަށެވެ.
މިކަމާއިގުޅޭގޮތުން އެ ކައުންސިލްގެ ނައިބު ރައީސް އަބުދުލްކަރީމް ''ތިލަދުން'' އަށް ވިދާޅުވީ، އެ ދަނޑު ބަންދުކުރީ ހަލާކުވެ، ގިނަ ދުވަސްތަކެއްފަހުން، އެއްގޮތަކަށް ވެސް އެތާގައި ނުކުޅެވޭ ހާލަތަށް ގޮސްފައިވާތީ ކަމަށެވެ. ދަނޑު އޮތްގޮތުން އެތާނގައި ކުޅޭ ކުދިންނަށް އެކިވަރުގެ ހާނީއްކަވެ، ގެއްލުންތައް ވަމުން އަންނަކަމަށް ކަރީމް ފާހަގަކުރިއެވެ.
ކަރީމް ލަފާކުރަށްވާ ގޮތުގައި އެތަން ހަލާކުވެފައި އޮންނަތާ މިހާރު ދެތިން އަހަރު ވެދާނެއެވެ. އެ ދަނޑު މަރާމާތު ކުރުމަށް ކައުންސިލުން ކުރީ ސަރުކާރުގައި ''އާދޭސް ކުރެވުނު އަދަދު'' ބުނަން ނޭނގޭކަމަށް ކަރީމް ވިދާޅުވިއެވެ.
''ޔޫތު މިނިސްޓްރީއާއި ބައްދަލުކުރިން، އެތައް ސިޓީއެއް ފޮނުވިން، ތަނުގެ ފޮޓޯތައް ފޮނުވިން، އާދޭސްކޮށްކޮށް ތިއްބާ އެ ދައުރު ނިމުނީ'' ކަރީމް ވިދާޅުވިއެވެ.
ކަރީމް ވިދާޅުވިގޮތުގައި މިހާރު ވެސް އެރަށުގައި ކައުންސިލްކަޕް ކުރިއަށްދާ ކަމަށާއި، މުބާރާތް ކުޅޭނެ ރަނގަޅު ތަނެއް ނެތް ނަމަވެސް އޮތް ގޮތަކުން ވެސް ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ގޮތެއް ހޯދައިދިނުމަކީ ކައުންސިލުން ބޭނުންވާ ގޮތް ކަމަށެވެ.
''މިރަށުގައި އޮންނަ ބޮޑު ދަނޑުވެސް މިއީ ކުޅެން އެންމެ އެކަށޭނަ ތަނެއްނޫން، އެތަނުގެ އެއް ކަނެއްގެ ތަންކޮޅެއްގައި މި ކައުންސިލް ކަޕް ކުޅެނީ'' ކަރީމް ވިދާޅުވިއެވެ.
ކަރީމް ވިދާޅުވިގޮތުގައި ދެން އޮތް އުންމީދަކީ މި ސަރުކާރެވެ. މި ސަރުކާރުގެ ސަމާލުކަމަށް ވެސް އެކަން ގެންނަވާފައިވާކަމަށް ކަރީމް ވިދާޅުވިއެވެ. އެރަށުގައި ބޮޑު ފުޓްބޯޅަ ދަނޑެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމަށް ވެސް އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.
ކަރީމް ވިދާޅުވީ، ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތެއްނެތި ތިން ހަތަރު އަހަރު ވެގެން ދިޔުމަކީ ވަރަށް ކަންބޮޑުވާ ހިތާމަކުރަށްވާ ކަމެއްކަމަށެވެ. އަދި އެކަމަށް ވީ އެންމެ އަވަހަކަށް ހައްލު ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.
ނޮޅިވަރަންފަރަކީ ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ ބޯޅާގައި ވެސް ވަރަށް ފާހަގަކޮށްލެވޭ ހދ. އަތޮޅުގެ ކުޅިވަރުގެ ބޮޑު ބާރެކެވެ. އެރަށުގެ ކުޅުންތެރިން ޤައުމީ ފެންވަރުގައި ވެސް އަންނަނީ ކުޅެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!