ބާރަށު ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު އިބްރާޙީމް ސުޖާއު އަންނަ ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.
ސުޖާވަނީ ހުޅުމާލޭ ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ވާދަ ކުރެއްވުމަށް، ޕާޓީގެ ޓިކެޓު ހޯދުމަށް އެދޭ ފޯމުވެސް ޕީޕީއެމަށް ހުށަހަޅުއްވާފައެވެ. ސުޖާއުގެ ފޯމާ ހަވާލުވެލެއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖްލިސްގެވެސް މެމްބަރު އަހުމަދު ޝިޔާމެވެ.
ސުޖާއު އަކީ ޕީޕަލް ނެސަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އޭގެ އިތުރުން ސުޖާއުއަކީ ޕީއެންސީގެ ކައުންސިލް މެމްބަރެއްވެސް މެއެވެ. ނަމަވެސް ސުޖާއު އަންނަ ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާއަށް ވާދަ ކުރައްވަނީ ޕީޕީއެމް ޓިކެޓެއްގައެވެ. ޕީޕީއެމް، ޕީއެންސީއަކީ ކޯލީޝަން ޕާޓުނަރުންނެވެ.
ސުޖާއުއަކީ 18 ވަނަ ރައްޔިތުންގެ މަޖިލިސްގައި ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕުގައި މަސައްކަތް ކުރެއްވި ހަރަކާތްތެރި ބޭފުޅެކެވެ.
ސުޖާއުއަކީ ރާއްޖޭގެ މަޝްހޫރު ވިފާރި، ރެޑްވޭވް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުގެ އިތުރުން އޮފިސިއަލް އިވެންޓްސްގެ މެނޭޖިންގ ޑައިރެކްޓަރވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!