ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޕްރެންޓިސްޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
އެޗްޑީސީއިން ބުނީ އެކި ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމްގެ ދަށުން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ “ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ތަފާތު 7 ދާއިރާއަކުން މަސައްކަތްތެރިން ތަމްރީނުކުރުމުގެ މަގްސަދުގައި 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ އަމަލީ ތަޖުރިބާ ކުރިއަށް ގެންދާނީ އެޗްޑީސީގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުން ކަމަށް އެކުންފުނިން ބުނެއެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ނެޝަނަލް ލެވެލް 3 ގެ ސެޓްފިކެޓެއް ދިނުމަށް ނިންމާފައިވާއިރު މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރާ ސެޓްފިކެޓެކެވެ. މީގެ އިތުރުން 6 މަސްދުވަހުގެ ޕްރޮގްރާމަށް ފަހު، ފުރުސަތު އޮތް މިންވަރަކުން، ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
މިގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
ކޮމްޕިއުޓަރ ހާޑްވެއަރ އެންޓް ނެޓްވޯކިން
ހެލްތް އެންޑް ސޭޕްޓީ އިން ކޮންސްޓްރަކްޝަން
ފްރަންޓް އޮފީސް
ގާޑްނިން
ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޒަން
މޭސަންރީ
އިލެކްޓްރިކަލް އިންސްޓޮލޭޝަން
އެޗްޑީސީއިން ބުނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ މުއްދަތުގައި، ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަންވެސް ވަނީ އެކުންފުނިން ހާމަކޮށްފައި އެވެ.
ރާއްޖޭގައި ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާ ނިސްބަތް މަދުކުރުމަށާއި، ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމުގެ ބޭނުމުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށް ދަނީ އެ ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ޔޫތް އެންޕަވަރމެންޓް އިންފޮމޭޝަން އެންޑް އާޓްސް އާއި، މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި، ހަޔަރ އެޑިއުކޭޝަން ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!