ކްލެމެންސީ ބޯޑަށް ޝުޖާއު އައްޔަންކުރަން ފާސްކޮށްފި

Ibrahim Shujau

މަަފާޢު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ މަަފާޢު ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ޢައްޔަނުކުރަން މިއަދު ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލްކުރާ މެންބަރަކަށް ސުޖާޢު ޢައްޔަނު ކުރުމަށް ޝުޖާޢުގެ ނަން ހުށަހެޅީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.

މިއަދުގެ ޖަލްސާަގެ ވޯޓު ގަޑީގައި ޝުޖާޢު އެ މަޤާމަށް ޢައްޔަނުކުރަން 88 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މަަފާޢު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ކްލެމެންސީ ބޯޑު އެކުލެވިގެން ވަނީ އެޓަރނީ ޖެނެރަލާއެކު ޖުމްލަ 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ. އެއީ ގާނޫނީ ދާއިރާގެ މީހަކު، ތައުލީމީ ދާއިރާގެ މީހަކު، އިޖްތިމާއީ ދާއިރާގެ މީހަކު، ސިއްހީ ދާއިރާގެ މީހަކު، ދީނީ އިލްމުގެ މީހަކު، މަދަނީ ޖަމްއިއްޔާއެއްގެ މީހަކު، ޕެރޯލް ބޯޑުގެ މީހަކު، ފުލުހުންގެ ދާއިރާގެ މީހަކު، ޝަރުއީ ދާއިރާގެ މީހަކު އަދި ރައްޔިތުންގެ މަޖިލީހުން، އެމަޖިލީހުގެ މެންބަރުން އައްޔަންކުރާ މެންބަރަކު އެވެ.

މި ބޯޑަށް މެންބަރު ޢައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލުކުރުމަށް ފެންނަ ގޮތުގެ ލަފާ ދިނުމަށް އެ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ބޯޑެކެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި