ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ނޯންނާނެކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ސްރީލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސް، އެކަން އާންމުކޮށްފައެވެ.

Ad
rt

މި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ ލަންކާގައި އަލަށް ބޭނުންކުރަން ފަށާ އީ-ވިސާ ސިސްޓަމެއް ގާއިމްކޮށް ހިދުމަތް ފަށާފައިވާތީ، އެ ގައުމުގެ ކަމާ ގުޅޭ އިދަރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި މިހާރުވެސް ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އަދި 30 ދުވަހަށް ވުރެ ގިނަ ދުވަހު ސްރީލަންކާގައި ތިބެން ބޭނުންވާ 6 މަސްދުވަހުގެ ވިސާއަށް ހުށައެޅޭނެކަމަށެވެ.

ނަމަވެސް ވިސާގެ މުއްދަތު އިތުރުކުރާނަމަ އެޑްމިނިސްްޓްރޭޓިވް ފީއެއް މިހާރު ނަގާނެކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި އެ ފީ އުނިކުރުުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ލަންކާގައި މި ވަގުތު ތިބި ދިވެހީންގެ ތެރެއިން ވިސާގެ މުއްދަތު އިތުރުކުރަން ޖެހިފައިވާ ދިވެހީން، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ހާޒިރުވުމުން އެ ކަން ކޮށްދޭނެކަމަށް ވެސް ދިވެހި ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.