މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގެ ބަނދަރު ސަރަހައްދު ރީތިކުރުމަށް 500 ބަގީޗާގަސް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ބަނދަރު ސަރަހައްދުގައި ޕޮޓުހަދައި ޕޮޓުގައި އިންދުމަށް އެ ކައުންސިލުން ހޯދަން އިއުލާން ކޮށްފައި ވަނީ ކްރިސްޓީނާ ގެ މެރޫން ކުލައިގެ ގަހެވެ.

Ad
rt

ގަސްތައް ހުންނަންވާނީ ބޮނބިކުނޑީގައި އިންދައި މޫލައްވާފައެވެ. ގަސްތަކުގައި ހުންނަންޖެހެ ދިގުމިނެއް ގޮތުގައި އެ ކައުންސިލުން ކަނޑައަޅާފައިވަނީ 1 ފޫޓާއި 3 ފޫޓާއި ދެމެދެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ބުނީ އެ ރަށުގެ ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދަކީ ބަނދަރަށްވާ ސަރަހައްދު ކަމަށާއި، އެއީ ރަށުގެ މޫނުމަތިކަމަށްވާތީ، މި ގަސްތަކަކީ އެ ސަރަހައްދުގެ ފުރިހަމަކަން އިތުރު ކުރުމަށް ހޯދާ ގަސްތަކެއްކަމަށެވެ.

ފޯކައިދޫ ބަނދަރުގައި އިންދަން ކައުންސިލުން ނިންމާފައިވާ ކްރިސްޓީނާ ބަގީޗާ ގަސް

ކްރިސްޓީނާއަކީ ސީދާ ރާއްޖޭގައި ހެދޭ ގަހެއް ނޫންނަމަވެސް އެ ކައުންސިލުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި މިއީ ރާއްޖޭގައި ވެސް ފަސޭހައިން ހެއްދިދާނެ ގަހެއްކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، މިހާރުވެސް ރާއްޖޭގެ ބައެއް ތަންތަނުގައި މި ވައްތަރުގެ ގަސްތައް ހައްދާފައިވާކަމަށެވެ.

ށ. ފޯކައިދޫ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

އާސިފް އިތުރަށް ބުނީ ބަނދަރުގެ އެއްކޮޅުން އަނެއްކޮޅަށް ވާގޮތަށް ޕޮޓުގައި މި ގަސްތައް އިންދައި ހެއްދުމުން މުޅި އެ ސަރަހައްދުގެ ވިއު ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ 10:30 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.

ފޯކައިދޫ ކައުންސިލުން ވަނީ ދާދި ފަހުން އެ ރަށު ބޮޑުމަގުގެ ދެ ފަޅީގައި އޮންނަ ދެ ގަބުރުސްތާނު ސަރަހައްދުގެ މަގަށްވީ ފަޅީގެ ފުރިހަމަކަން އިތުރު ކުތުމަށް ބޭނުންވާ "ކޭން ޕާމް" ރުއް ހޯދަން ވެސް އިއުލާން ކޮށްފައެވެ.