ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

އަންހެން ހެދުން އަޅައިގެން މޭކްއަޕްކޮށްގެން ފޮޓޯ އާއި ވީޑިއޯ އަޕްލޯޑް ކުރަމުން އަންނަ ނަބީލުގެ މައްސަލަ ފުލުހުން ދެވަނަ ފަހަރަށް ބަލަން ފަށާފައިވަނީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޅު ކުރުމުންނެވެ.

Ad
rt

މައްސަލައިގައި ފުލުހުން އޭނާ ހައްޔަރު ކުރީ މެއި 4 ވަނަ ދުވަހެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް ދިނީ 15 ދުވަހެވެ. އެ 15 ދުވަސް ހަމަވެގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން އިތުރު 15 ދުވަސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ނިވާކަން ކުޑަވާ ގޮތަށް އަންހެން ހެދުން އަޅައިގެން މޭކަޕްކޮށްގެން ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރަމުން ގެންދާ ނަބީލް މީގެކުރިން ވެސް ހައްޔަރު ކުރި ކުރިއެވެ. އަދި އޭނާއާ ދެކޮޅަށް އުފުލި ދައުވާއާ ގުޅިގެން ސެޕްޓެމްބަރު 2022 ގައި އެއް އަހަރަށް ޖަލަށްލިއެވެ.

ހުކުމުން މިނިވަންވި ފަހުން އަނެއްކާ ވެސް ނަބީލް އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ ހަދާ މައްސަލަ ބޮޑުވިއެވެ.

މިފަހަރު ވެސް ހައްޔަރު ކުރީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދާތީއެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އެންމެ ފުރަތަމަ އާއްމުކުރީ، އޮގަސްޓް 2021 ގައެވެ. އޭނާ ހައްޔަރު ނުކޮށް ބަހައްޓާތީ އާންމުންގެ ފަރާތުން ފާޑުކިއުން އަމާޒުވާން ފެށުމުން ފުލުހުން ހައްޔަރުކޮށް ބަންދުގައި މަސް ދުވަސް ވަންދެން ބެހެއްޓިއެވެ.

އޭރު އޭނާ ދޫކޮށްލީ 60 ދުވަސް ވަންދެން ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓު ނުކުރުމަށް ޝަރުތުކޮށެވެ.