ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަޝްރޫއެއް ފަށަން މި ސަރުކާރުން ނިންމައިފިއެވެ.

އެކަން އިއުލާން ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.

Ad
rt

މިނިސްޓަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް އޭސީކުރާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭ އަމަލީ މަސައްކަތް ފަށައި، ދެ އަހަރުގެ ތެރޭގައި ނިންމާލާއިރު، އެ ކަން ކުރާނީ ކޮމިއުނިޓީ ބޭސް މަޝްރޫއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ﷲގެ ވާގިފުޅާއެކު މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއްވަނީ ރޭވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޝަފީއު ވިދާޅުވީ މި މަޝްރޫއުގެ އިތުރުން މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ޓީޗަރުންގެ އެންމެ ބޮޑު އެއް ޝަކުވާ ކަމަށްވާ، ރަސްމީ މަސައްކަތު ވަގުތުގެ ބޭރުން ސްކޫލުގައި މާ ގިނަ ވަގުތު ހޭދަކުރަންޖެހުން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވިއެވެ.