ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން ޑރ. ފަތުހުﷲ ސައީދު އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިއަދު މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ.

އައިޖީއެމްއެޗުން ބުނީ ޑރ. ފަތުހުﷲ މިއަދުން ފެށިގެން އެ ހޮސްޕިޓަލުގައި ފަރުވާ ދެއްވާނެ ކަމަށެވެ. އަދި އާންމުކޮށް އޯޕީޑީ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދާ އުސޫލުން ޑރ. ފަތުހުﷲ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

Ad
rt

އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީ އަކީ އަނގަ އާއި މޫނު އަދި ކަނދުރާގެ ސާޖަރީ ތަކަށް ހާއްސަ ފަރުވާދޭ ސްޕެޝަލިޓީއެކެވެ. އޭގެ ތެރޭގައި އުފެދުމުގަ އާއި އަނިޔާ ވެގެން މޫނުމަތީގައިވާ އައިބުތަކައި ޓްރޯމާ ފަރުވާ އާއި އަނގައިގެ ކެންސަރު ދެނެގަތުމާއި ސާޖަރީ ކުރުމާއި ޕޭޝަލް ކޮސްމެޓިކް ސާޖަރީ އާއި ކޯ ކަށިގަނޑުގެ ބަލިތަކާއި، މޫނުމަތީގެ އެކިއެކި ތަދުތަކަށް ފަރުވާދިނުމާއި އިމްޕްލާންޓް ސާޖަރީ ކުރުންފަދަ ކަން ހިމެނެ އެވެ.

ފަސް އަހަރުގެ މެދުކެނޑުމަށް ފަހު އައިޖީއެމްއެޗް އިން ވަނީ 16 ޑިސެމްބަރު 2019 އިން ފެށިގެން ގޮހޮރު ބަލިތަކުގެ ޚާއްސަ ޑަކްޓަރެއްގެ ޚިދުމަތްވެސް ފަށަފާފައެވެ.

މިދިޔަ މަހު އެ ހޮސްޕިޓަލުން ވަނީ އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތްވެސް ދޭން ފަށާފައެވެ. މިއީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސްފަށަލަތަކަށް ދޫޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެކެވެ.

އަދި އެހޮސްޕިޓަލުންވަނީ ‏ފަސޭހަކަމާއިއެކީ ލެބްރިޕޯޓު ނެގޭނެގޮތް ހެދުމަށް، އެހޮސްޕިޓަލްގެ ވެބްސައިޓްގައި އައި.ޑީ ކާޑު ނަމްބަރު ޖައްސަވާ ލޮގްއިން ކުރުމުން، ލެބް ރިޕޯރޓް ބެލޭނޭ އިންތިޒާމް ހަމަޖައްސައިދީފައެވެ.