އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅިގެން ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ މަޖިލިހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ދަނީ ފުލުހުންނާ ގުޅިގެން ކަމަށް އީސީން ބުނެފައިވެއެވެ.

Ad
rt

އީސީން ބުނި ގޮތުގައި މިއަދު އެ ތަކެތި ފޮނުވަން ހަމަޖެހިފައި ވަނީ ހއ، ހދ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އީސީން ބުނީ މިއަދު ހަވީރު 5:30 ހަމައަށް އެ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާ ހަމައަށް ވޯޓު ކަރުދާހާއި ބޭނުވާ އިތުރު ސާމާނު ފޮނުވުމުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

އަދި ހއ. ހދ. ށ. ނ. ރ. ބ. އަދި ޅ. އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށްތަކަށް ވޯޓުފޮށި ފޮނުވުމުގެ މަސައްކަތް ކުރާނީ މާދަމާ ކަމަށް އީސީން ބުނެފައިވެއެވެ. ވަކިވަކި ރަށްތަކަށް ތަކެތި ފޮނުވަން ފަށާނީ ހުކުރު ދުވަހުއެވެ. ސިނާޢީ ރަށްތަކާއި ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި ހޮނިހިރު ދުވަހުގެ ނިޔަލަށް ފޮނުވައި ނިންމާނެ ކަމަށް އީސީން ބުނެފައިވެއެވެ.

މަޖިލިސް އިންތިހާބުގައި 602 ވޯޓު ފޮށި ބަހައްޓައެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެއެވެ.