މާލޭގެ ގެއަކުން ވަގަށް ބިލެތް ކަނޑަން ތިބި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މ. ހަވާއީގައި އޮތް ބިލެތް ޅޮހަކުން ވަގަށް ބިލެތް ކަނޑަން ތިއްބައި ދެ މީހަކު އަތުލައިގަތީ ހެނދުނު 8:00 ހާއިރު ކަމަށެވެ. އެމީހުން ވަގަށް ގެންދަން އުޅުނު ދެ ބަސްތާ ބިލެތް އެ ތަނުން ފެނިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މީހަކާއި 63 އަހަރުގެ މީހެކެވެ.
މި ރޯދަ މަހު މާލެ އާއި ބައެއް ރަށްރަށުގައި ވައްކަމުގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މި ރޯދަ މަހުގެ ފުރަތަމަ 15 އާ ހިސާބަށް މާލެ ސަރަހައްދުން ވައްކަމުގެ 110 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އެފަދަ މައްސަލަތައް ހުއްޓުވަން ފުލުހުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!