ކުޅުދުއްފުށި ސިޓީ ވޮލީބޯލް އެރީނާ ރަސްމީކޮށް ހުޅުވައިފި

ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް
ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމްގެ "ވޮލީބޯލް އެރީނާ" ގައި ތަރައްގީ ކުރި ޒަމާނީ ފެންވަރުގެ ދެ އައުޓްޑޯ ވޮލީކޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

ވޮލީބޯލް އެރީނާ ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު، ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ރަސްމީކޮށް އެރީނާ ހުޅުއްވައި ދެއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ.

އެ އެރީނާ ހުޅުވާފައި މިވަނީ އެތަނުގައި ރެސްޓްރޮމްއަކާއި ލައިވްކުރެވޭ ހަޓަކާއި އެކުއެވެ. އަދި ދެ ކޯޓްގައި ވެސް ވަނީ ރޭގަނޑު ކުޅެވޭނޭހެން ލައިޓް ޖަހާފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޔާސިރު ވިދާޅުވީ ކުޅިވަރުގައި ކުޅުންތެރިން ކުރިއަރާފައިވާވަރާ ގާތަށްވެސް ބޭނުންވާ ފެސިލިޓީ ތަރައްގީ ކުރެވިފައި ނުވާކަމަށާއި، އެ ދަތިކަން ވަރަށް ބޮޑަށް ފާހަގަ ވަމުން އަންނަ ކަމަށެވެ. އެ ސިޓީގައި އިންޑޯ ކޮމްޕްލެކްސްއަކާއި ސިންތެޓިކް ޓްރެކެއް އަޅަން ނިމިދިޔަ ސަރުކާރުން އިއުލާން ކުރިކަމަށާއި އެކަންވާން ބޭނުންވަނީ ވަކި ފިކުރަކަށް ނިސްބަތްވާތީ ނޫން ކަމަށާއި އެންމެން ވެސް އެކަންކަން ވާން އެދޭ ކަމަށެވެ. އެކަން ނުވެ އޮތްކަން ޔާސިރު ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ ސިޓީ ކައުންސިލުން އެ ސިޓީގައި ކުޅިވަރު ފެސިލިޓީސް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށާއި، މިގޮތުން ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރެވި އެތަނުގައި ރޮސްޓްރަމްއަޅައި ބެޑްމިންޓަން ކޯޓް ތަރައްގީކޮށް އިންޑޯ ޖިމަކާއި އައުޓްޑޯ ޖިމެއް ތަރައްގީ ކުރުމުގެ އިތުރުން ބިލިއާޑާއި ޓޭބަލް ޓެނިސް ކުޅެވޭނޭ އިންތިޒާމް ވެސް އެ ސިޓީގައި ހަމަޖެއްސިފައިވާ ކަމަށެވެ.

އާތިފް އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސިޓީ ކައުންސިލާއި ޑަބްލިއުޑީސީ ގުޅިގެން ހޭންޑް ބޯޅަ ކޯޓް ވެސް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

އާތިފް ވަނީ ހުޅުވުނު ވޮލީ ކޯޓްތައް ބޭނުން ކުރުމުގައި އެތަންތަނުގެ ބޭނުން ގިނަ ދުވަހު ކުރެވޭނޭގޮތަށް ބަލައިގެން އުސޫލުތަކާއި އެއްގޮތަށް ބޭނުންކޮށް ވޮލީ އެ ރަށުގައި އެހެން ލެވެލްއަކަށް ގެންގޮސް ދިނުމަށް މަސައްކަތް ކޮށްދިނުމަށް އެދިލައްވާފައެވެ. އާތިފް އިތުރަށް ވިދާޅުވީ ހުޅުވިގެންދިޔަ ވޮލީ ކޯޓްތަކުގައި ކުރިއަށް އޮތް އަހަރު ރަނގަޅު ފެންވަރުގެ ވޮލީ މުބާރާތެއް ބާއްވާނެ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *