ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

މި އިލްތިމާސްކުރައްވަމުން ސިއްހަތާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން، މި މަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން 59 ވޭދަނަ ރިޕޯޓުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވެފަވެއެވެ.

Ad
rt

ވިއްސާރަ މޫސުން ކުރިޔަށް އޮތުމާއެކު، ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

''ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން. މިކަމަށް ޚާއްޞަ ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން.'' ވަޒީރު ވިދާޅުވެފަވެއެވެ.

މި ބަލިފެތުރުމުން ރައްކާތެރިވެ ތިބުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެކަމުގެ މުހިންމު މަޢުލޫމާތުތަކާއެކު އިލްތިމާސްކޮށްފައެވެ.

ޗިކުންގުންޏާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ގިނަ ދުވަސްތަކަކަށް ކުރިމަތިވެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

ޗިކުންގުންޔާ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަނީ އީޑީޒް މަދިރީގެ ފަރާތުންނެވެ. އީޑީޒް މަދިރީގެ ތަފާތު 3 ވައްތަރެއްގެ ސަބަބުން ޗިކުންގުންޔާ އިންސާނުންގެ މެދުގައި ފެތުރޭކަން ފާހަގަ ކުރެވިފައި ވެއެވެ. އެއީ އީޑީޒް އިޖިޕްޓައި(Aedes egypti)، އީޑީޒް އެލްބޯޕިކްޓަސް(Aedes albopictus)، އީޑީޒް ޕޮލިނިސިއެންސިސް(Aedes polynensis) އެވެ.

ޗިކުންގުންޔާ ޖައްސާ މަދިރީގެ ތެރެއިން އީޑީޒް އިޖިޕްޓައި އަކީ ވަރަށް ކުޑަކުޑަ ކަޅުކުލައިގެ މަދިރިއެކެވެ. މީގެ ފައިތަކާއި ބުރަކަށި މަތީގައި ހުދުކުލައިގެ ރޮނގުތަކެއް ހުރެއެވެ. ޗިކުންގުންޔާ ވައިރަސް ހުރި މަދިރިއެއް މީހެއްގެ ގައިގައި ހަފައިފިނަމަ ޗިކަންގުންޔާ ޖެހުނީ އެވެ. މިމަދިރީގެ ސައިޒަކީ ގާތްގަނޑަކަށް 5 މިލިމީޓަރު އެވެ. އާންމު ގޮތެއްގައި ޑެންގީ ހުން ވެސް ފެތުރެނީ އީޑީޒް އިޖިޕްޓައި ގެ ސަބަބުންނެވެ. ޗިކުންގުންޔާ ޖައްސާ މަދިރި އާންމުކޮށް ގައިގައި ހަފަނީ ފަތިހާއި މެންދުރު ފަހެވެ.

ޗިކުންގުންޔާ ޖެހެނީ ބަލި ޖައްސާ ވައިރަސް ނުވަތަ ޖަރާސީމް އަށަގެންފައިވާ (ޖަރާސީމާއި ތަޣައްޔަރުވެފައިވާ) އަންހެން މަދިރިއެއް ސަލާމަތުން ހުރި މީހާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ޗިކުންގުންޔާ ޖައްސާ ވައިރަސް އެމީހެއްގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ. މިގޮތަށް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖައްސަމުން ގެންދެއެވެ. މަދުން ނަމަވެސް ލޭއެޅުމުގެ ތެރޭގައި ޗިކުންގުންޔާ ޖައްސާ ޖަރާސީމް ހަށިގަނޑަށް ވާޞިލްވެ، ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ. މަދިރީގެ ހަށިގަނޑުގައި ޗިކުންގުންޔާ ވައިރަސް އަށަގަންނަނީ ޗިކުންގުންޔާ ޖެހިފައިވާ މީހެއްގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައެވެ.

މަދިރިއަށް ބަލާލާފައި އެމަދިރިއަކީ ޗިކުންގުންޔާ ވައިރަސް ހުރި މަދިރިއެއްކަން އެނގޭގޮތެއް ނޯވެއެވެ. ވުމާއެކު ވީހާވެސް ބޮޑަކަށް ބަލަންވީ މަދިރިން ރައްކާތެރި ވެގެން އުޅެވޭތޯ އެވެ. މިހެން ހެދުމުން އެސަލާމަތް ވެވެނީ ހަމައެކަނި ޗިކުންގުންޔާ ބައްޔަކުންނޫނެވެ.ޑެންގީ ހުން، މެލޭރިޔާ، ފައިފަލަ ބަލި، ރީނދޫ ހުން، އަދި ރިފްޓް ވެލީ ހުން ފަދަ މަދިރިން ފެތުރޭ ބަލިތަކުން ވެސް ރައްކާތެރި ވެވޭނެއެވެ.

ޗިކުންގުންޔާ އަށްދެވޭ ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. އާންމު ގޮތެއްގައި ދެވެނީ ޕެނަޑޯލް ފަދަ ތަދުކަނޑުވާ ބޭސް ތަކެވެ. ނަމަވެސް ޗިކުންގުންޔާ އާއި ގުޅިގެން ކުރިމަތިވާ ހުޅުތައް ދުޅަވެ، ރިހުމަށް އާންމުކޮށް ހުންނަ ތަދުކަނޑުވާ ބޭސްތައް ( ޑައިކްލޯފިނެކް ސޯޑިއަމް، އިންޑޯމެތަސިން، ޕައިރޮކްސިކަމް، ބުރޫފަން، ނެޕްރޮކްސީން، އެސްޕިރިން ) ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ. އަދި މިފަދަ ބޭސްތައް ބޭނުން ނުކުރުމަށް ވަރަށް ގިނަ ޑޮކްޓަރުން ލަފާދެއްވައެވެ. ޗިކުންގުންޔާ އިން ރައްކާތެރިވެވޭނެ ވަކި ޚާއްޞަ ވެކްސިނެއް އަދި އުފެއްދިފައެއް ނުވެއެވެ. މިހާތަނަށް ހޯދިފައިވާ ގޮތުން ޗިކުންގުންޔާ 1 ފަހަރު ޖެހިއްޖެނަމަ ދެވަނަ ފަހަރަކު ނުޖެހޭނެ އެވެ. އެއީ ފުރަތަމަ ޖެހޭ ފަހަރު ހަށިގަނޑުގައި ޗިކުންގުންޔާ އާއި ދެކޮޅަށް މަސައްކަތްކުރާނޭ ހަށިދަމަނަ އެއް އުފެދި، އޭގެ ސަބަބުން މުޅި އުމުރަށް ޗިކުންގުންޔާ އިން ރައްކާތެރިވުމުގެ ދިފާޢީ ބާރު ހަށިގަނޑުގައި ހުންނާތީ އެވެ.

މެލޭޝިޔާގެ މަލާޔާ ޔުނިވަސިޓީއިން ހަދާފައިވާ ދިރާސާ އަކުން ފާހަގަވި ގޮތުގައި ކްލޮރޮކީން ފޮސްފޭޓްގެ 250 މިލިގްރާމް ދުވާލަކު 1 ފަހަރު ބޭނުންކުރުމުން ހުޅުތައް ދުޅަވެ ރިއްސުމަށް އެކަށޭނަ ޙައްލެއް ލިއްބައިދެއެވެ. ނަމަވެސް މިދިރާސާ އާއި ފުށުއަރާ ބައެއް ކަންތައްތައް ފަހުން ފާހަގަ ކުރެވިފައިވުމާއެކު، ޗިކުންގުންޔާގެ ފަރުވާގެ ގޮތުގައި (ހުޅުތަކުގެ ރިހުމަށް) ކްލޮރޮކީން ފޮސްފޭޓް ބޭނުމެއް ނުކުރެއެވެ. ޗިކުންގުންޔާ ޖެހުމުން އެހެނިހެން ރޯގާތަކެކޭ އެއްފަދައިން އަރާމުކުރުމާއި، ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތައް ކުރުމަށް އިރުޝާދު ދެއެވެ.