ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ''އަހާ''ގެ ތިންވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

ހޯމަ ދުވަހުގެ ރޭ އޮންނަ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ ރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.

Ad
rt

މި ޕްރޮގްރާމް ވެސް އޮންނާނީ ފުރަތަމަ ޕްރޮގްރާމެކޭ އެއްގޮތައް މާލޭގެ ސަލްޓަންޕާކުގައެވެ. މި ފޯރަމް ފަށަން ނިންމާފައި ވަނީ ހޯމަ ދުވަހުގެ ރޭ 20:30 ގައެވެ.

މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ފަށާފައިވާ މި ފޯރަމް ބާއްވަން ނިންމާފައި ވަނީ ކޮންމެ ދެ މަހަކުން އެއް މަހުއެވެ. މި ފޯރަމްގައި ރައްޔިތުން ވަޒީރުންނާ ކުރަން ބޭނުން ކޮންމެ ސުވާލެއް ވެސް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ވަޒީރުން ރައްޔިތުންނަށް މައުލޫމާތު ވެސް ދެއްވާނެއެވެ.

މީގެ އިތުރުން ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސް މުޢިއްޒު ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ. މިގޮތުން އަހާގެ ދެވަނަ ޕްރޮގްރާމްގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

މި ފޯރަމް ކުރިއަށް ގެންދާނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާއި ރައީސް އޮފީސް ގުޅިގެންނެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ރައީސް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ޢާއްމުކުރައްވެމުގެ ސިލްސިލާއެއް ވެސް ސަރުކާރުން ވަނީ ފަށާފައެވެ.