ދިވެހިރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ރޭ ޝުކުރު އަދާކުރައްވައިފިއެވެ.
ތުރުކީވިލާތުގެ ރައީސަށް، ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވީ މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫ.އޭ.ވީ މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފެށިގެންދިއުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މިކަމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވީ ތުރުކީވިލާތުގެ ރައީސްކަމުގައެވެ.
މިހާރު ތިން ޔޫ.އޭ.ވީ އޮތް ނަމަވެސް ތުރުކީއާ ރާއްޖެއާ އޮތް ގާތްކަމުގެ ތެރެއިން މުސްތަޤުބަލުގައި އުޅަނދުތައް އިތުރުކުރެވިގެންދާނެކަމަށާ، އަދި މީގެ ތެރެއިން ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ރާއްޖެއަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތި ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކޯސްޓުގާޑަށް އެކި ސައިޒުތަކުގެ އުޅަނދުތައް ހޯދައި ކޯސްޓުގާޑުގެ ގާބިލުކަން މިހާރަށްވުރެ ދެގުނަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތާއި އަދި ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަންކުރުމަށްޓަކައި ތުރުކީވިލާތުގެ އިތުރުން އެކުވެރި ބައެއް ޤައުމުތަކާއެކު މުޢާމަލާތްތައް ކުރެވެމުންދާކަން ވެސް ރައީސް މުޢިއްޒުގެ ވާހަކަފުޅުފައި ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ ވިލާތުން ރާއްޖެއަށް ގެނެސްފައި ވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯން އެވެ. އެންމެ ޒަމާނީ އަސްކަރީ އަދި މުއާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!