ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލަން ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އެކަން ހާމަކޮށްފައި ވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޙައްމަދު ޝަމްޢާން ވަޙީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓްގައި ޝަމްޢާން ވިދާޅުވެފައިވާ ގޮތުގައި ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.

މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯރޓް ކުުރުމަށް ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަންގެ ކޮންޓްރޯލާ ވިދާޅުވެފައެވެ.

ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލަން އިމިގްރޭޝަނުން ނިންމިއިރު، ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގެ އެންމެ ކުރީ ސަފުގައި ބިދޭސީން ފާޅުކަން ބޮޑުގޮތެއްގައި އުޅޭތަންފެނެއެވެ. މިކަމުގައި ގިނައިން އުޅެނީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ ގަތުމަށް އެފަދަ މީހުން ޑޮލަރު އޭޓީއެމް ސަރަހައްދުގައި މަޑުކޮށްގެން ތިބެއެވެ. ބައެއް ފަހަރު ދިވެހިން ވެސް މިކަމުގައި އުޅޭތަން ފެނެއެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ ޔޫއެސް ޑޮލަރަކަށް 15.42 ރުފިޔާ ނަމަވެސް، އިގްތިސޯދުގައި ޑޮލަރު ތާށިވެ ޑޮލަރުގެ އަގު އެކި ފަހަރުމަތިން އަންނަނީ ކަޅު ބާޒާރުގައި އުފުލެމުންނެވެ.