އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

އަބްދުއްރަހީމް ރިޓަޔާ ކުރައްވަން ނިންމެވީ އަންނަ މަހު އޭނާގެ އުމުރުން 60 އަހަރު ފުރޭތީއެވެ. ސިފައިންގެ ގާނޫނު ބުނާ ގޮތުން ސިފައިންގެ ވަޒީފާގައި ގިނަވެގެން ދެމިހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އެއާ އެކީގައި ޝަރަފްވެރިކަމާ އެކުގައި ރަޓަޔާ ކުރުމުގެ ފުރުސަތު އެމީހަކަށް ދޭނެއެވެ.

Ad
rt

އަބްދުއްރަހީމް ވެސް ޝަރަފްވެރިކަމާ އެކުގައި ރިޓަޔާ ކުރައްވާނެ ކަން އެ ތަނުގެ ވެރިންނަށް މިހާރު ވަނީ އަންގަވައިފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި މިދިޔަ ނޮވެމްބަރު 17 ގައެވެ.

މިދިޔަ ޑިސެމްބަރު 11 ވަނަ ދުވަހު ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުއިއްޒު ވަނީ އަބްދުއްރަހީމް ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓް ކުރައްވައިފައެވެ.

އަބްދުއްރަހީމް ވަނީ ސިފައިންގެ ހިދުމަތުގައި 37 އަހަރު ހިދުމަތް ކުރައްވައިފައެވެ.