ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ނެއްލައިދޫ އެންމެ އަލިގަދަތަރި" ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށާނެއެވެ.
މި މުބާރާތަށް ބައިވެރިން ހޮވުމަށް އޮޑިޝަން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. މުބާރާތަށް 20 ބައިވެރިން ހޮވަން ނިންމާފައި ވީނަމަވެސް، މުބާރާތަށް ހޮވާފައި ވަނީ 15 ބައިވެރިންނެވެ. ބައިވެރިން މަދުވުމާއިއެކު އިންތިޒާމް ކުރާ ފަރާތުން ވަނީ މުބާރާތުގެ ފުރަތަމަ ބުރު ނުބާއްވަން ނިންމާފައެވެ. މުބާރާތް މިހާރު ކުރިއަށް ގެންދަން ރާވާފައި ވަނީ ދެވަނަ ބުރާއި ފައިނަލް ބުރެވެ.
މުބާރާތުގެ ދެވަނަ ބުރު ބާއްވަން ތާވަލު ކޮށްފައި ވަނީ މި މަހު 21 އަދި 22 ވަނަ ދުވަހުގެ ރެއެވެ. އެއަށްފަހު ފައިނަލް ބުރު ބާއްވަން ނިންމާފައި ވަނީ މި މަހުގެ 28 އަދި 29 ވަނަ ދުވަހުގެ ރެއެވެ. 29 ވަނަ ދުވަހުގެ ރޭ މުބާރާތުގެ ވަނަތަށް ހޮވާނެއެވެ. މުބާރާތް ކުރިއަށް ދާނީ ނެއްލައިދޫ ޕްރީސްކޫލުގައެވެ.
މުބާރާތުގެ އެއްވަނައަށް ހޮވޭފަރާތަށް "ނެއްލައިދޫ އެންމެ އަލިގަދަތަރި ޝީލްޑް" އާއި 30000 (ތިރީސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދޮ ދެވަނައަށް ހޮވޭ ފަރާތަށް 10000 (ދިހަހާސް ރުފިޔާ) އަދި ތިންވަނައަށް ހޮވޭފަރާތަށް 5000 (ފަސްހާސް) ރުދިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އާބާދީގެ މެދުގައި ޤުރްއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރިކުރުވުމެވެ
ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރަށް ވުމާއިއެކު މިމައްސަރުގައި ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ދޭންޖެހޭ އަޙައްމިއްޔަތު އިތުރު ކުރުމާއި އެ ރަށުގައި ޙާފިޡުން އުފެއްދުމާއި ރާއްޖެއާ ރާއްޖޭން ބޭރުން ލިބޭ ޤުރުއާން މުބާރާތުގައި އެ ރަށް ތަމްސީލުކުރާނެ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!