ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި އަސްކަރީ އެއްބަސްވުމަކީ ދިވެހި ސިފައިންނަށް ހިލޭ ތަމްރީނާއި ނަން ލީތަލް އާލާތްތައް ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އަސްކަރީ އެހީގެ އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރު މޭޖާ ޖެނަރަލް، ޒަން ބެއެކުންއާ ސޮއި ކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އޭގެ އެއްވެސް ތަފްސީލެއް ދެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Ad
rt

ދ. މީދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އަސްކަރީ ދާއިރާ އިން އަބަދުވެސް ގުޅުން އޮންނަ ކަމަށެވެ. އަލަށްވީ އެއްބަސްވުމަކީ ހިލޭ އެހީގެ ދަށުން ސިފައިންގެ ކެޕޭސިޓީ އިތުރު ކުރުމަށްވީ އެއްބަސްވުމެއް ކަމަށް ވިދާޅުވިއެވެ.

"ސިފަައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ހޯދުމަށާއި އަދި ނަން-ލީތަލް، ލީތަލް ނޫން އެކި ކަހަލަ އާލަތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް. މީގެ ސަބަބުން ދިފާއީ ބާރަށް ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިކަންކަން ކުރެވެނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައެވެ. އަދި ބޭނުމަކީ އަމިއްލަވަންތަކަމާއި މިނިވަންކަން އިތުރަށް ވަރުގަދަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.