މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓް ގާޑުގެ ޚިދުމަތަށް 40 އަހަރު ފުރިއްޖެއެވެ. އެ ޚިދުމަތަށް 40 އަހަރު ފުރުނީ އިއްޔެއެވެ.

އެގޮތުން އިއްޔެ ވަނީ އެމުނާސަބާގައި ދިދަ ނެގުމުގެ ރަސްމިއަޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ކޯސްޓް ގާޑުގެ ކޮމާންޑަރު ކާނަލް މުޙައްމަދު ސަލީމެވެ.

Ad
rt

ކޯސްޓް ގާޑުގެ ޚިދުމަތަށް 40 އަހަރު ފުރުމާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ވީޑިއޯ މެސެޖެއް ދެއްވާފައެވެ. އެކަމާނެ މެސެޖުގައި އެމުނާސަބާގައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޞާލިޙަށާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބުދު ﷲ ސަމާއީލަށާއި، ކޯސްޓް ގާޑުގެ ކޮމާންޑަރު ކާނަލް މުޙައްމަދު ސަލީމަށާއި، އަދި ކޯސްޓް ގާޑުގެ ޚިދުމަތުގައި މަސައްކަތް ކުރައްވާ ސިފައިންނަށާއި، ސިފައިންގެ ޢާއިލާ ތަކަށް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

އެމަނާގެ މެސެޖުގައި ރައީސް ޞާލިޙުގެ ސިޔާސަތުގެ ދަށުން ކޯސްޓް ގާޑުގެ ޚިދުމަތް ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރާއި ހަވާލުވި އިރު މަރާމާތަށް ބޭނުންވާ އެތައް އުޅަނދެއް ހުރުމާއެކު، އަންނަ އަހރުގެ ބަޖެޓްގެ ތެރެއިން އެ އުޅަނދުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ކޯސްޓް ގާޑުގެ ޚިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެ މެސެޖުގައި ރައްޔިތުން ކަނޑު ދަތުރު ކުރައްވާއިރު މޫސުމަށް ބަލައި، ރައްކާތެެރިވެ ތިބުމަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ. ކުޑަކުދިންނަކީ ދައުލަތުން ވެސް ހާއްސަ ރައްކާތެރިކަމެއް ދޭންޖެހޭ ބަޔެއްކަމަށާއި، ކުޑަ ކުދިން ގޮވައިގެން ކަނޑު ދަތުރު ކުރައްވާއިރު ޚާއްސަކޮށް ސަމާލު ވެލައްވަން އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.

އެމްއެންޑީއެފް އިން ވަނީ ކޯސްޓް ގާޑަށް 40 އަހަރުގެ ފުރުމާ ގުޅިގެން ކޯސްޓް ގާޑުގެ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ލަވައެއްވެސް ނެރެފައެވެ.

ދިވެހި ރާއްޖޭގައި ކޯސްޓް ގާޑުގެ ޚިދުމަތް ފެށުނީ 1 ޖަނަވަރީ 1980 ވަނަ އަހަރު އެވެ. ދިވެހި ދިފާއީ ބާރުގެ މިޚިދުމަތަކީ ޤައުމީ ދިފާއާއި، ސަލާމަތާއި ރައްކާތެރި ކަމުގެ އިތުރުން އިންސާނީ ވަރަށް މަތިވެެރި ޚިދުމަތެކެވެ.

ދިވެހި އަސްކަރިއްޔާގެ ކޯސްޓް ގާޑުގެ ޚިދުމަތް ވަކި ޔުނިޓެއްގެ ގޮތުގައި މީގެ 40 އަހަރު ކުރިން ފަށާފައި ވާއިރު، މީގެ 40 އަހަރު ކުރިންވެސް ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި، ދިވެހި މަސްކަނޑުތައް ބަލަހައްޓާފައި ވެއެވެ.

ފުރަތަމަ މި ޚިދުމަތް ފަށާފައިވަނީ އައުޓް ބޯޑު އިންޖީނުއެޅި 6.95 މީޓަރުގެ ކުޑަ 3 ލޯންޗާއި އެކު ސިފައިންގެ ލޯންޗް ސެކްޝަންގެ ނަމުގައެވެ. މިއަދު މިޚިދުމަތަކީ އެތައް ގުނައަކުން ތަރައްޤީ ކުރެވިފައިވާ، ފަޚުރުވެރި ކަމާއި، ކާމިޔާބު ކަމާއެކު ދެމުންދާ ޚިދުމަތެކެވެ.

ވޭތުވެ ދިޔަ 40 އަހަރު ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ދިވެހި ދިފާއީ ބާރުގެ ކޯސްޓު ގާޑުންވަނީ ވަރަށްގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދީފައެވެ.