ކުރިއަށް އޮތް ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30 އާއި 9:00 އާ ދޭތެެރޭ ފަށަން ނިންމައި އެކަން ސްކޫލްތަކަށް އަންގައިފިއެވެ.

މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދު ކަމަށާއި ކިޔެވުން ނިމޭ އެންމެ ފަހު ގަޑިއަކީ މެންދުރު ފަހު 3:00 ކަމަށެވެ. ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ވެސް ކިޔަވައިދޭން ފަށާނީ 8:30 ގައި ކަމަށް ސާކިއުލާގައިވެއެވެ.

Ad
rt

ދަންފަޅިތަކުގެ ދިގުމިން ބަލާ އިރު އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން (1 ގަޑިއިރާ 30 މިނެޓް)، ގްރޭޑް 1-6 އަށް (2 ގަޑިއިރާ 30 މިނެޓް) އަދި ގްރޭޑް 7-12 އަށް (3 ގަޑިއިރު) ކިޔަވައިދޭން ވާނެ ކަމަށް ބުނެފައިވެއެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ ރޯދަ މަހު ކިޔަވައިދޭ ވަގުތު މަދުކަމުން ގަޑިއެއްގެ ދިގުމިން ވާން ޖެހޭނީ 30 މިނެޓާއި 45 މިނެޓާ ދެމެދު ކަމަށެވެ. އަދި ރޯދަ މަހުގެ ދެ ހަފްތާ ތެރޭ ހުރިހާ މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށް ސާކިއުލާގައިވެއެވެ.

ރޯދަ މަހު ޓީޗަރުންގެ މަސައްކަތުގެ ގަޑި 4 ގަޑިއިރަށް ވުރެ ދިގު ނުކުރުމަށާއި ކިޔެވުން ކުރިއަށް ގެންދާ ވަގުތުތަކުގައި އިދާރީ އޮފީހުގެ މަސައްކަތްތައް މެދު ނުކެނޑޭނެހެން އިދާރީ މުވައްޒަފުންގެ ގަޑިތައް ރޭވުމަށް ވެސް މިނިސްޓްރީން އަންގާފައިވެއެވެ.

ކިޔެވުމުގެ ދަންފަޅިތައް ރާވާއިރު، ވަގުތަށް ނަމާދުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ކުދިންނަށް ދީނީ މައުލޫމާތު ދިނުމާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ސްކޫލުތަކުގައި އެއްވެސް ހަަރަކާތެއް ނުހިންގަން ވެސް އެޑިއުކޭޝަންގެ ސާކިއުލާގައި ވަނީ އަންގައިފައެވެ. ސެކަންޑްރީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ރޭގަނޑު ވަގުތުތަކުގައި ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00 އާއި 10:30އާ ދެމެދު ރޭވުމަށް ވެސް މިނިސްޓްރީން އެދެއެވެ.