ސަރުކާރެއް އެކުލަވާލުމަށް ފަހު އުފައްދާ ސިޔާސީ މުވައްޒަފުންގެ އަދަދާއި މިނިސްޓްރީތަކުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެ އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއަށެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި މިނިސްޓްރީތަކުގެ އަދަދާއި މަސައްކަތު ދާއިރާ ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތު ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާ އަށް ދެވިދާނެ ކަމަށް އޭގައިވެއެވެ.
މިނިސްޓްރީތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަސް ތެރޭގައި އެ މިނިސްޓްރީތަކުގެ މަސައްކަތަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް މަޖިލީހަށް ހުށަހަޅުއްވާ ފާސް ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.
މި ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިއުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 300 އަށް ވުރެ މައްޗަށް އަރައެވެ. ސަރުކާރުން ބުނެފައި ވަނީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ. އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކާ ކުރިމަތިލާން ޖެހިފައިވާތީ ސަރުކާރުން މިހާރު ވަނީ ހާއްސަ ހާލަތެއްގައި ނޫނީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން ހުއްޓާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!