ކައުންސިލުތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ކިޔެވުމުން މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލު ގެނައުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ނ. މަނަދޫ ކައުންސިލު އިދާރާގެ މުވައްޒަފަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކެޓަގަރީކޮށްފައިވާ ގޮތުން ކައުންސިލްތައް ހިމެނެނީ އެންމެ ދަށް ފަންތީގައި ކަމަށެވެ.
ރައީސްގެ ޖަވާބު
1 މާރިޗް 2024ނ.މަނަދޫ ކައުންސިލް އިދާރާގެ މުވައްޒަފެއްކަމަށްވާ، އެ ރަށު، ހޭޅި، ޢައްޒާ ޢަބްދުލްޣަފޫރު، ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާ ޢިނާޔަތްތަކާމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/vffA9usgZq
— Government of Maldives (@governmentmv) March 1, 2024
އެކަމަކު ކުރިއަށް އޮތް ތަނުގައި މުސާރައިގެ އޮނިގަނޑު ހަދާއިރު އެކަމަށް ހައްލެއް ގެންނަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލްގައި މީގެކުރިން މަސައްކަތް ކުރެއްވިފައި ހުރުމުން ކައުންސިލްތަކުން ކުރާ ބުރަ މަސައްކަތް އެނގިވަޑައިގަންނަވާ ކަމަށެވެ. މުވައްޒަފުންނަކީ އެހެން އޮފީސްތަކާ ހިލާފަށް ބަންދު ދުވަސްތަކުގައި ރެއާއި ދުވާލު މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމުގައި ކުރިމަތިވަނީ ގާނޫނީ މައްސަލަތަކެއް ކަމަށާއި މަޖިލީހުގެ ތެރެއިން ގާނޫނީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރާނީ ކައުންސިލުގެ ސިވިލް ސާވިސް ސްޓާފުންނަށް ވަޒީފާގައި އުޅޭއިރު ކިޔެވުމަށް ބޭސްޑްކޮށް ދެން ބަލަންޖެހޭ މިންގަނޑުތަކުގެ ކުރިއެރުންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރަން،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ އެކަމުގައި އަޅުގަނޑު މަސައްކަތްކުރާނަން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާ އެކީގައި."
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!