ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައި ވަނިކޮށް، މަޖިލީހުން މިއަދު އަނެއްކާ ވެސް އެ ބިލު ފާސްކޮށްފިއެވެ.

މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް ތަސްދީގުނުރައްވާ އަނބުރާ ފޮނުވައިލެއްވީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

Ad
rt

އެ ބިލް ދެ ވަނަ ފަހަރަށް ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 47 މެންބަރުންގެ ވޯޓުންނެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ހިމަނައިގެންނެވެ.

ޤާނޫނުއަސާސީ ބުނާގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްވާ ކޮންމެ ބިލެއްމެ ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާން ވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަޞްދީޤު ކުރާން ވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙަކާމެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާންވާނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެކަމަށް ޤާނޫނުއަސާސީގައި ބުނާއިރު، ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމަށް ފޮނުވާބިލެއް ތަޞްދީޤުކުރާން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާމެދު އަލުން ވިސްނުމަށް ނުވަތަ އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރީ ކަމަށް ބަލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެ ކަމަށް ޤާނޫނުއަސާސީގައި ބުނެފަވެއެވެ.