ހއ. ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި އެ ރަށް ކައިރީގައި އޮންނަ އެ އަތޮޅު ވަނގާރު ހިމަނައިދޭން އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ.
ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ދެވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. ތުރާކުނަށެވެ.
ރައީސް ތުރާކުނަށް ވަޑައިގެން އިއްޔެ ހަވީރު އެރަށު ސްކޫލްގައި އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ ކަންތައްތައް ރައީސް އަށް ދަންނަވާފައެވެ.
މިގޮތުން މި ބައްދަލުކުރެއްވުމުގައި ތުރާކުނު ކައުންސިލުން ވަނީ އެރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ، ވަނގާރު އެރަށުގެ އިހުތިސާސުގެ ތެރެއަށް ލުމަށް ބޭނުންވާކަމަށް ދަންނަވާފައެވެ.
ކައުންސިލުން އިތުރަށް ފާހަގަކުރި ކަންކަން
- ރަށުގައި ޒަމާނީ ފެންވަރަށް މަގުހެދުން،
- ދިވެހިރާއްޖޭގެ އިސްލާމީ ބިނާއެއް ރަށުގައި ޤާއިމުކުރުން،
- ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބޭނުންވާ ކަންކަން
- ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަން،
- ރަށަށް އަރާ ބަނދަރުގައި ހުރި ދަތިކަން،
- ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއްކަން،
- ތުރާކުނުގައި ދިމާވާ ކަރަންޓުގެ މައްސަލަ، ޒަމާނީ ފެންވަރުގައި ކަރަންޓު ދެވޭނެ ގޮތެއް،
- ރަށުގެ ޞިއްޙީ މަރުކަޒުގައި ހުރި ގޮންޖެހުންތައް
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި ވަނީ ހިއްސާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!