ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ތަސްދީގު ނުކޮށް ލަސްވާތީ ކުއްލި މައްސަލައެއް

ވައްޑޭ، ފޮޓޯ: މަޖިލިސް
ވައްޑޭ، ފޮޓޯ: މަޖިލިސް

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ތަސްދީގުކުރެއްވުން ލަސްވާތީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 11 ފެބްރުއަރީ 2024 ގައެވެ.

ޤާނޫނުއަސާސީ ބުނާގޮތުން މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުކުރެއްވުމަށް ރައީސް އަށް ފޮނުއްވުމުން އެ ބިލު ތަސްދީގުކުރުމާމެދު ވިސްނާވަޑައިގަންނަވަން 15 ދުވަހުގެ މުއްދަތެއް ލިބިއެވެ.

އެ ބިލު ތަސްދީގުކުރެއްވުމަށް ރައީސްގެ އަތްޕުޅަށް މަޖިލީހުގެ އިދާރާއިން ފޮނުއްވާފައި ވަނީ 12 ފެބްރުއަރީގައެވެ. އެހެންކަމުން މި ބިލާމެދު ވިސްނަވަން ރައީސަށް މި މަހުގެ 26 އާއި ހަމައަށް ފުރުސަތު ލިބިވަޑައިގަންނަވައެވެ.

މި ބިލު މިހާތަނަށް ތަސްދީގުކުރައްވާފައިނުވާއިރު، އަންނަ މަޖިލީހުގެ އިންތިޚާބު އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ތައްޔާރުވެފައެވެ. ކަލަންޑަރުގައިވާގޮތުން މާރިޗް 17 ދިމާވަނީ މިއަހަރުގެ ރޯދަމަސް ތެރެއާއެވެ.

އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ މި ބިލު ރައީސް މިހާތަނަށް ތަސްދީގު ކުރައްވާފައިނުވާތީ، ކަންބޮޑުވުންފާޅުކޮށް ވައްޑޭ ހުށަހެޅުއްވި މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ބަލަން ވޯޓަށް އެހިވަގުތު އެވަގުތު ތަޅުމުގައި ތިއްބެވި މެންބަރުންކުރެ 23 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ.

އެ ބިލު ތަސްދީގުނުކުރައްވައި، މަޖިލީސް އިންތިޚާބު އޮންނާނީ މާޗު 17ގައި ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި ވައްޑޭ ވަނީ އެއީ އަމިއްލަ މަސްލަހަތަށް ރައީސް ކުރައްވާ ކަމެއްގެ ގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *