ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލޫޓަން ޓައުން ބައްދަލުކުރި މެޗުގައި ރަސްމުސް ހޮއިލުންޑް ޖެހި ދެ ލަނޑުން ޔުނައިޓެޑް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

ޔުނައިޓެޑުން މި މެޗުގައި ޖެހި ދެ ލަނޑު ވެސް ޖަހާފައި ވަނީ މެޗުގެ ވަރަށް ކުރީކޮޅުއެވެ. ފުރަތަމަ ލަނޑު ފުރަތަމަ މިނެޓުގައި ހޮއިލުންޑް ކާމިޔާބުކުރީ ލޫޓަންގެ ފަހަތުން ހެދުނު ގޯހަކުން ތަނަވަސްވީ ފުރުސަތެއްގައެވެ. އޭނާ ދެވަނަ ލަނޑު ޖެހީ ހަތްވަނަ މިނެޓުގައި ލޫޓަންގެ އޭރިއާތެރޭ ހުރެ ގަނާޗޯ ފޮނުވާލި ބޯޅަ މެއިން ޖައްސައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

Ad
rt

އުމުރުން 21 އަހަރުގެ ހޮއިލުންޑް މިވަނީ އޭނާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ލަނޑު ޖަހާފައެވެ. އޭނާވެފައި ވަނީ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ޔުނައިޓެޑް މިވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައެވެ.

ލޫޓަން އިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 14 ވަނަ މިނެޓުގައި ޖަހައިދިނީ މޮރިސްއެވެ. މި މެޗުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ބްރޫނޯ ފެނާނޑޭޒް ކީޕަރު ނައްޓާލުމަށް ފަހު ފޮނުވާލި ހަމަލާ ޑިފެންސުން ހުއްޓުވިއިރު، ރަސްފޯޑް ފޮނުވާލި ނުރައްކާތެރި ހަމަލާ ހުއްޓުވީ ލޫޓަންގެ ކީޕަރެވެ. ހެޓްރިހަދަން ރަނގަޅު ފުރުސަތު ހޮއިލަންޑަށް ލިބުނުއިރު އެ ފުރުސަތުގެ ބޭނުން އޭނާއަށް ނުކުރެވުނެވެ. މެޗުގެ އިތުރު ވަގުތުގައި ލޫޓަން އިން ނަތީޖާ ހަމަހަމަ ކުރުމާއި ގާތަށް ދިޔައެވެ. އެ ޓީމްގެ ބާކްލީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ކުޅުނު 25 މެޗުން ލިބުނު 44 ޕޮއިންޓާއިއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ހަވަނާގައެވެ. އެ ޓީމާއި ހަތަރުވަނާގައި އޮތް އެސްޓަން ވިލާއާއި ދެމެދު އޮތީ މިހާރު ފަސް ޕޮއިންޓްގެ ފަރަގެކެވެ. މެޗުން ބަލިވި ލޫޓަން އޮތީ ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 24 މެޗުން ހޯދިފައި ވަނީ 20 ޕޮއިންޓެވެ.