މަސްވެރިންނަށް ފައިސާ ލިބުން ލަސްވާތީވެ، ގއ. ކޫއްޑޫގައި މުޒާހަރާ ކުރި މަސްވެރިންނާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ބައްދަލު ކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މަސްވެރިންނަށް މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.

Ad
rt

އަދި މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމު މިފްކޯއިން ހަމަޖައްސާނެކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.

ގއ. ކޫއްޑޫގައި މަސްވެރިންތަކެއް މުޒާހަރާ ކުރާ މައްސަލައިގައި ޝިޔާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް އަދި އެންމެ ބާރަށް ހައްލު ކުރަން މަސައްކަތް ކުރާ ކަންބޮޑުވުން ކަމަށެވެ.

"ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހައްގު ހޯދަންކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުހަބާ ކިޔާނެ. ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޏެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް އަދި އެ މާހައުލު ގާއިމުކޮށްދެއްވުމަށް އަޅުގަނޑުވެސް މިވަގުތު އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން އެދެން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި 280 މިލިއަން ރުފިޔާ ކަމަށެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ރައީސް ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ފަހު މިންޒިލެއްގެ ގޮތުގައި ކޫއްޑޫ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަހުގެ އަގު 17ރ. އިން 25ރ. އަށް ބޮޑު ކުރިއެވެ. ދައުލަތުން މާލީ ގޮތުން އުފުލަން ޖެހޭ ބުރަ ބޮޑުވުމުން މަހުގެ އަގު 20ރ. އަށް މިހާރު ވަނީ ކުޑަކޮށްފައެވެ. މިނިސްޓަރު ޝިޔާމް ކުރިން ފާހަގަ ކުރެއްވި ގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވެގެން އުޅޭ އެއް ސަބަބަކީ ވެސް މަހުގެ އަގު ކުރީ ސަރުކާރުން ބޮޑު ކުރުމެވެ.