ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރ. އުނގޫފާރު ދާއިރާއަށް ވާދަކުރައްވާނެކަން މިރޭ ޢިއުލާން ކުރައްވައިފިއެވެ.

ރައީސް ޔާމީން އަބުދުލްޤައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރެއްވި އަމީން މިހެން ވިދާޅުވީ މީސް މީޑިއާގެ މަންސަތައް މެދުވެރިކޮށެވެ.

Ad
rt

އަމީން ވަނީ އެ މަސައްކަތުގައި ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިފައެވެ.

''މާތްﷲގެ ރަޙްމަތްފުޅާއިއެކު އިންތިޚާބް ކާމިޔާބުކޮށް ދާއިރާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތަށް އަތުކުރި އޮޅަމުން، ދާއިރާ ރައްޔިތުންގެ ތާއީދަށް އެދެމެވެ.'' އަމީން ވިދާޅުވެފަވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތަރުޖަމާނުގެ މަގާމުގައި ވެސް ހުންނެވި އަމީން 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ދިހަވަރަކަށް ގޮނޑިއަށް ވާދަކުރާ ކަމަށް ނުރަސްމީ މައުލޫމާތު ވަނީ ލިބިފައެވެ.