އިސްރާއާއި މިޢުރާޖުގެ މަތިވެރި ހާދިސާއަކީ الله سبحانه وتعالى، ކީރިތި ކީރިތި رسول الله صلى الله عليه وسلم އަށް ދެއްކެވި މުޢުޖިޒާތެއްކަމާއި އަދި އެއީ މުސްލިމުންނަށް ކުރިމަތިވި ބޮޑު އިމްތިހާނެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ''އިސްރާއާއި މިޢުރާޖުގެ ޒިކުރާގެ ތެރެއިން'' އެވެ.
ތިރީގައި މި ނަކަލު ކޮށްލަނީ މި މަޢުލޫއަށް ޚުޠުބާގައި ހިމަނާފައިވާ މުހިންމު ބައިތަކުންކުރެ ބައެއް ބައިތަކެވެ.
އިސްރާއާއި މިޢުރާޖު
އިސްރާ އަކީ މި ބިންމަތީގައި ހިނގި ހާދިސާއެކެވެ. ރޭގަނޑުން ބައެއްގައި މާތް الله سبحانه وتعالى މާތްކުރައްވާފައިވާ މައްކާގެ އަލްމަސްޖިދުލް ޙަރާމުން ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ ކީރިތި ރަސޫލާ رسول الله صلى الله عليه وسلم ގެންދެވި ދަތުރު ފުޅެވެ.
މިޢުރާޖަކީ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއިން ހަތްވަނަ އުޑުގެ މައްޗަށް ކީރިތި ރަސޫލާ رسول الله صلى الله عليه وسلم ގެންދެވުނު ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުނު ޙިސާބު ދެނެވޮޑިގެންވަނީ، ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ، الله سبحانه وتعالى އެވެ.
''އިސްރާއާއި މިޢުރާޖުގެ މަތިވެރި ޙާދިޘާއަކީ މާތް الله سبحانه وتعالى ކީރިތި ރަސޫލާ އަށް ދެއްކެވި މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނެކެވެ. އިސްރާގެ ޙާދިޘާއަކީ ހިނގާފައިވާ ކަމެއްކަން ކީރިތި ޤުރްއާނުގެ ނައްޞުން ޘާބިތު ވެއެވެ.'' -ޚުޠުބާ-
ރަސޫލާ رسول الله صلى الله عليه وسلم ގެ ކުރިން ވެސް އަދި ފަހުން ވެސް އެއްވެސް މީހަކަށް ވާޞިލު ނުވެވޭނެ މަތިވެރި ދަރަޖަތަކަށް އެކަލޭގެފާނު މިދަތުރުފުޅުގައި ވާޞިލުވެ ވަޑައިގަތެވެ. އިސްރާ ދަތުރުފުޅުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން، އަލްމަސްޖިދުލް އަޤްޞާގައި ނަމާދުފުޅު ކުރެއްވިއެވެ. މިއީ އެކަލޭގެފާނަށް މާތް الله سبحانه وتعالى ދެއްވި ބޮޑު ޝަރަފެކެވެ. މި ބޮޑު ޝަރަފު ދެއްވީ އިސްލާމް ދީނަށްޓަކައި، އެދީނުގެ ރިސާލަތު ފެތުރުއްވުމަށް ލޮބުވެތި ރަސޫލާ رسول الله صلى الله عليه وسلم ކުރެއްވި މިންނެތް ބުރަ މަސައްކަތްޕުޅުގެ ސަބަބުންނެވެ.
ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް الله سبحانه وتعالى ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ކީރިތި ރަސޫލާ رسول الله صلى الله عليه وسلم އަށް ދެއްކެވިއެވެ.
އޭގެތެރެއިން އެއްބަޔަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރަމުންދާ ބަޔެކެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ އިރު އެމީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލައިފާވާ މީހުން ކަމުގައެވެ.
މި ދަތުރުފުޅުގައި ފެނިވަޑައިގެންނެވި އަނެއް މަންޒަރަކީ، އެބައިމީހުންގެ އިނގިލިތަކުގައި، ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެމީހުންގެ މެއާއި މޫނުގައި ވަކި އަޅައި ނޮޅަމުންދާ މަންޒަރެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ އެއީ މީސްތަކުންގެ އަބުރަށް އަރައި ނެތި މޮށޭ މީހުން ކަމުގައެވެ. އަދި މި ނޫންވެސް އެތައް ކަމެއް އެ ރޭ އެކަލޭގެފާނަށް ފެނިވަޑައިގަތެވެ.
ވީއިރު ރޭގަނޑާއި ދުވާލު، ނެތިމޮށުމާއި، މީހުންގެ އަބުރާ ބެހުމުގައި ތިމާމެންގެ ވަގުތުތައް ހޭދަކުރާ މީހުން މި ކަމާ މެދު ވިސްނައި އެފަދަ ފާފަތަކުން ދުރުހެލިވުމަށް ޢަޒުމު ކަނޑައަޅަން ޖެހޭނެއެވެ.
އީމާންކަމާއި ތަރްބިޔަތާއި އިޖުތިމާޢީ ދަރުސްތަކެއް، މި ދަތުރުފުޅުން ދެއްވި އަގު ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު
މި ޙާދިޘާއަކީ އީމާންކަމާއި ތަރްބިޔަތާއި އިޖުތިމާޢީ ދަރުސްތަކެއް އެކަމުގައި ހިމެނޭ ޙާދިޘާއެކެވެ. އެއީ الله سبحانه وتعالى ގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ޢަމަލީ ޙާދިޘާއެކެވެ. މި ޙާދިޘާ ވެގެން ދިޔައީ މުއުމިނުންނާ ކުރިމަތިވި ބޮޑު އިމްތިޙާނަކަށެވެ. މި އިމްތިޙާނުން އެންމެ ފުރަތަމަ ދަސްވެނިވި ބޭކަލަކީ މާތްاﷲ ރުއްސުން ލެއްވި އަބޫބަކުރުގެފާނެވެ. އެކަލޭގެފާނަށް މި އިމްތިޙާނުގައި اَلصِّدِّيْقُ ގެ ލަޤަބު ލިބިވަޑައިގަތެވެ.
މި މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތް الله سبحانه وتعالى މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުމެވެ. رسول الله صلى الله عليه وسلم އެކަލޭގެފާނުގެ އަޚުންކަމުގައިވާ ނަބީބޭކަލުންނާ އެކު އިމާމުވެ ވަޑައިގެން ޖަމާޢަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން މި ޝަޢީރާގެ މަތިވެރިކަމާއި ޤަދަރުވެރިކަން ހާމަވެގެން ދެއެވެ.
އެހެން ފަރާތެއް މެދުވެރި ނުކުރައްވައި ސީދާ الله سبحانه وتعالى މި އުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުމުން މިފަރީޟާގެ މަތިވެރިކަން އެނގެއެވެ.
رسول الله صلى الله عليه وسلم ބަޔާންކޮށް ދެއްވާފައިވާ ފަދައިން ނަމާދަކީ ދީނުގެ ތަނބެވެ. އެއީ އީމާންކަން މިނެދޭ މިންގަނޑެވެ. މަޙްޝަރުގެ ބިމުގައި ޙިސާބު ބެއްލެވޭ އިރު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުންނެވެ. އެކަން ރަނގަޅު ވެއްޖެ މީހާގެ ދެންހުރި ކަންތައް ރަނގަޅު ވެދެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ދާންމަތިކޮޅުގައި އޮންނަވައި އެންމެ ފަހުން އުއްމަތަށް ކުރެއްވި ވަޞިއްޔަތުގައިވެސް ނަމާދަށް ރައްކާތެރިވުމަށް އަންގަވާފައި ވެއެވެ. އިސްރާއާއި މިޢުރާޖުގެ ޙާދިޘާއަކީ މީސްތަކުންނާ އެކު މުޢާމަލާތު ކުރުމުގެ މަތިވެރި ދަރުސްތަކެއް އޭގައި ހިމެނޭ ޙާދިޘާއެކެވެ.
ޚުޠުބާ އެއްކޮށް ކިޔައިލުމަށް: އިސްރާއާއި މިޢުރާޖުގެ ޒިކުރާގެ ތެރެއިން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!