ފެނަކަ ކޯޕްރޭޝަން ލިމިޓެޑުގެ ޓެކްނިކަލް ދާއިރާގެ މުވައްޒަފުން ޓެކްނިކަލް ދާއިރާއިން އިތުރަށް ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ފެނަކަ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސެއިން ޒުހުރީއެވެ. ޕޮލިޓެކްނިކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޒޫޝާން ކަމާލުއްދީނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުހުރީ ވިދާޅުވީ މިހާރުވެސް ފެނަކަ ކޯޕްރޭޝަންގައި 6900 މުވައްޒަފުން މަސައްކަތް ކުރާ ކަމަށާއި އޭގެ ތެރެއިން 2799 މުވައްޒަފުންނަކީ ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. އަދި 20 އިންސައްތަ މުވައްޒަފުންނަކީ ސީ3 ލެވެލް ފެންވަރުގެ މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.
ޒުހުރީ ވިދާޅުވީ މުވައްޒަފުންގެ ސީ3 ލެވެލް ފެންވަރު ހުރި ނަމަވެސް، އެކަން ޔަގީންކޮށްދޭނެ ސެޓްފިކެޓެއް ނެތް ކަަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ޒޫޝާން ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މުވައްޒަފުންނަށް ވަކި ޓްރޭނިން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށާއި އަދި އެއީ ސީ3 ސެޓްފިކެޓެއް އޮންނަ ބައެއްގެ ގޮތުގައި ހަމަޖެހޭނެ ކަމަށެވެ.
ބާކީ ތިބި 80 އިންސައްތަ މުވައްޒަފުންނަކީ ސީ3 ލެވެލް ސެޓްފިކެޓް ޓްރޭނިން ބެނުންވާ މުވައްޒަފުންކަން ފާހަގަކުރައްވަމުން ޒުޝާން ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ފެނަކައިގައި މަސައްކަތް ކުރާ ޓެކްނިކަލް ދާއިރާގެ މުވައްޒަފުންނަށް ދެވޭ ތަމްރީނުތަކަށްފަހު ކޮންމެ މުވަޒަފަކަށްވެސް ދަށްވެގެން ސީ3 ލެވެލްގެ ސެޓްފިކެޓް ލިބޭނެ ކަމަށެވެ.