ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ.

Ad
rt

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖްރިބާކާރުންގެ ޓީމަކުން މިހާރު ވަރަށް ހަލުވިކަމާއެކު ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސް ވިދާޅުވިގޮތުގައި، ދިވެހި ޤައުމު އުފެއްދި އެންމެ ވަރުގަދަ ބަޠަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ބޮޑުތަކުރުފާނާ، ދޮންބަންޑާރައިންނާ، ބޮޑުރަސްގެފާނާ، އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒަޢާމަތުގައިވެސް ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރެއްވުމަށް ވަނީ މަސައްކަތްކުރައްވާފައެވެ.

ބޮޑުރަސްގެފާނުގެ ޒަމާނުގައި، މަލަބާރީންނާ ކަންނައްނޫރު އަލީރާޖާގެ ހަމަލާތަކުން ދަފަރާވުމަށް، ފުރަމާލޭގައި ބުރުޒުތައް ހައްދަވައި، އަސޭކަރައިން ރަތުލޯބަޑީގެ 14 ބަޑި ހޯއްދެވިގޮތުގެ ވާހަކަ ދިވެހި ތާރީޚުގައި އެބައޮތް ކަމަށާއި، އެއީ އެ ޒަމާނަށް ބަލާއިރު ވަރުހުރި ދިފާޢީ އާލާތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި އެއްގަމާ، ކަނޑާ، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަނީ ވަރުގަދަކުރަން ޖެހިފައެވެ.

''އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ފަށައިފިން. ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ.'' ރައީސް ވިދާޅުވިއެވެ.