މާހޯރަ3 ދޯންޏަށް އިންޑިއާ ސިފައިން އަރާފައިވާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ބޮޑު ކަންނެލި ތިން އުޅަނދު ކަމަށްވާ އަސުރުމާ3 ދޯންޏާއި، ނިރު7 އަދި މާހޯރަ3 ދޯންޏަށް ވެސް އިންޑިއާ ސިފައިން ވަނީ އަރާފައެވެ.

Ad
rt

މި ތިން ދޯންޏަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަމަށް ދިވެހި ދިފާޢީ ވުޒާރާއިން ރޭ ވަނީ ބުނެފައެވެ.

މި ދޯނިތަކަށް އިންޑިއާ ކޯސްޓްގާޑުގެ ބޯޑިން ޓީމަކުން އަރާފައި ވަނީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

މިކަން މިހެން ހިނގާފައި ވަނިކޮށް ޖެހިގެން އައި 1 ފެބްރުއަރީ 2024 ވަނަ ދުވަހުގެރޭ މާހޯރަ3 ދޯނި ދަތުރު ކުރަމުން ދަނިކޮށް ހއ. މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏައް އަރާ މަސްވެރިންނަށް ވަނީ ބިރު ދައްކާފައިކަމަށް ކަންނެލި މަސްވެރިންގެ ޖަމިއްޔާ ބީކޭއެމްޔޫއިން ވަނީ ބުނެފައެވެ. އަދި މި މައްސަލަވަނީ ދޯނީގެ ވެރި ފަރާތުން ރިޕޯޓްކޮށްފައި ކަމަށް ވެސް ބުންޏެވެ.


ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ރާއްޖޭގެ އިތުރު ދޯންޏަކަށް އިންޑިއާ ސިފައިން އަރާފައިވާއިރު، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް އަސުރުމާ3 ދޯންޏާއި، ނިރު7 އަދި މާހޯރަ3 ދޯންޏަށް އިންޑިއާ ސިފައިން އެރި މައްސަލާގައި، އިންޑިއާ ސިފައިން އެ ދޯނިތަކަށް އަރާފައި ވަނީ، ދިވެހިރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކާއި ކޯޑިނޭޓުކުރުމެއްނެތި ކަމަށް ދިވެހި ދިފާޢީ ވުޒާރާއިން ރޭ ވަނީ ބުނެފައެވެ.

މީގެ އިތުރަށް ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލް ދިނުމަށް ދިވެހި ޚާރިޖިއްޔާ މެދުވެރިކޮށް ފެބްރުއަރީ 1 ވަނަ ދުވަހު އިންޑިއާ ސަރުކާރުގައި އެދިފައިވާކަމަށް ދިވެހި ދިފާޢީ ވުޒާރާއިން ވަނީ ބުނެފައެވެ.