ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ އިން ބާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ ވަނީ ބާއްވައިފައެވެ.
އެ ބައްދަވުމުގައި ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ވަފްދެއް އިންޑިއާ އަށް ވަނީ ގޮސްފައެވެ. އަދި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވެސް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ އަށް ވަޑައިގެންފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބިއިރު، އޭގެ ތެރެއިން އެއް ސަރަހައްދުގައި ތިބި ސިފައިން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އިން ބޭލުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ބާކީ ދެ ސަރަހައްދުގައި ތިބި ސިފައިން އަންނަ މެއި މަހުގެ 10 ގެ ނިޔަލަށް ފައިބަން އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރަން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރިއެވެ. އެގޮތުން ޑިފެންސް އަދި ސެކިއުރިޓީ ދާއިރާ އާއި އިގްތިސޯދީ އާއި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މަޝްވަރާތައް ކުރި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ހައި ލެވެލް ކޯ ގްރޫޕްގެ އިތުރު ބައްދަލުވުމެއް މި މަހުގެ ފަހު ހަފްތާގައި ބާއްވަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން މިގޮތަށް ބަޔާން ނެރުނު ކަމުގައި ވިޔަސް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ބަޔާން ތަފާތެވެ. އެ ބަޔާނުގައި ބުނީ މި ބައްދަލުވުމުގައި އިންޑިއާ އިން ދީފައިވާ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ދެ ގައުމުން އެއްބަސްވެފައި ވަނީ އެ އުޅަނދުތައް އޮޕަރޭޓް ކުރުމުގައި އިންޑިއާގެ ސިވިލް ނުވަތަ މަދަނީ މީހުން ބޭނުން ކުރުމަށެވެ.
ރައީސް މުއިއްޒު ވަނީ އަންނަ މަހުގެ 15 ގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުމުގައި ހުށަހަޅުއްވައިފައެވެ. އެ ބައްދަލުވުމަށް ފަހު، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވާ ކަމަށެވެ. އެކަމަކު، އޭރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާން ވެސް ތަފާތެވެ. ބަޔާނުގައި ބުނީ، އިންސާނީ އެހީތެރިކަމަށާއި މެޑިކަލް ބޭނުންތަކަށް އޮޕަރޭޓްކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ.
ސަރުކާރުން ވަނީ އަންނަ މަހުގެ 1 އިން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކުރަަން ނިންމަވައިފައެވެ. އެކަން ކުރަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ. އޭގެ އިތުރުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ބަލި މީހުން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފު ކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!