މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ބޮޑު ކަންނެލި ތިން އުޅަނދަކަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑުގެ ބޯޓިން ޓީމަކުން ކަމަށް ދިވެހި ދިފާޢީ ވުޒާރާއިން ބުނެފިއެވެ.
ދިފާޢީ ވުޒާރާއިން ބުނީ ޖެނުއަރީ 31 ވަނަ ދުވަހު ރާއްޖޭގެ އަސުރުމާ3 ދޯންޏަށް އިންޑިއާގެ ކޯސްޓްގާޑުގެ ބޯޓިން ޓީމުން އަރާފައި ވަނީ ހއ. ދިއްދޫ އާއި 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި އޮއްވާ ކަމަށެވެ.
އެ ދޯންޏަށް ބޭރު އަސްކަރިއްޔާ އަކުން އަރާފައިވާކަން އެނގުމުން ދޯނި އޮތް ލޮކޭޝަން ޔަގީންކުރުމަށްފަހު، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަމުރުފުޅަށް ދިވެހި އަސްކަރިއްޔާގެ ކޯސްޓް ގާޑު ‘’ޝަހީދު ޢަލީ’’ ފޮނުވިކަމަށެވެ.
ދިވެހި ކޯސްޓްގާޑުން އެތަނަށް ގޮސް އަސުރުމާ ދޯނީގެ ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިން ކަމަށް ދިފާޢީ ވުޒާރާއިން ބުންޏެވެ. އަދި އެތަނަށް ދިޔުމުން މޮހޮރާ3 ދޯންޏާއި އަދި ނިރު7 ދޯންޏަށް ވެސް ބޭރުގެ އަސްކަރިއްޔާއިން އެރިކަން އެނގުނުކަމަށް ދިވެހި ދިފާޢީ ވުޒާރާއިން ބުންޏެވެ.
‘’ރާއްޖޭގެ މަސް ދޯނިތަކަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަން ކަށަވަރުކުރެވުނެވެ.’’ ދިފާޢީ ބާރުން ބުނެފަވެއެވެ.
ދިވެހި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކާއި ކޯޑިނޭޓުކުރުމެއްނެތި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލް ދިނުމަށް ދިވެހި ޚާރިޖިއްޔާ މެދުވެރިކޮށް ފެބްރުއަރީ 1 ވަނަ ދުވަހު އިންޑިއާ ސަރުކާރުގައި އެދިފައިވާކަމަށް ދިވެހި ދިފާޢީ ވުޒާރާއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!