ދަނޑުވެރިކަން ކުރުމުގެ ބޭނުމުގައި ޗައިނާގެ ރައްޔިތުން، އެމެރިކާ އިން ބިން ގަންނާތީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެމެރިކާ އިން މި ފަހުން ބިން ގަތް ޗައިނާ ރައްޔިތަކީ އެ ގައުމުގެ ބިލިއަނަރެއް ކަމަށްވާ ޓިއަން ކުއަޗެންއެވެ. އޭނާ ވެފައި ވަނީ އެމެރިކާ އިން ދެވަނަ އަށް އެންމެ ބޮޑު ބިން ގަތް ބޭރުގެ މަހުޖަނަށެވެ. ދަނޑުވެރިކަމުގެ ބޭނުމަށް ޗައިނާ ރައްޔިތުން ބިން ގަންނަ ވާހަކަ މީޑިއާގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައެވެ.

Ad
rt

ގަވަމަންޓް އެކައުންޓަބިލިޓީ އޮފީހުން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ދަނޑުވެރިކަމުގެ ބޭނުމަށް ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާތަނަށް އައިއިރު ދަނޑުވެރިކަމުގެ ބޭނުމަށް އެމެރިކާ އިން ގަނެފައި ވަނީ ކިހާ އަދަދެއްގެ ބިން ކަމެއް އެނގިފައެއް ނުވެއެވެ. ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން ވެސް މިކަމާ ގުޅޭ ރަސްމީ މުއާމަލާތްތައްކޮށް ނިންމުމަށް ފަހުގައި އެކަން އަންގަމުން ދަނީ އެމެރިކާގެ ކަމާބެހޭ އިދާރާތަކަށެވެ.

އޭގެ ތެރޭގައި ޑިފެންސް ޑިޕާޓްމަންޓާއި ކޮމިޓީ އޮން ފޮރިން އިންވެސްޓްމަންޓް އިން ދަ ޔުނައިޓެޑް ސްޓޭޓްސް (ސީއެފްއައިޔޫއެސް) ހިމެނެއެވެ.

އދ. އަށް ކަނޑައެޅި އެމެރިކާގެ ކުރީގެ ސަފީރު ނިކީ ހާލޭ ވިދާޅުވީ ޗައިނާ އިން 400،000 އޭކަރްގެ ބިން ގަނެފައިވާ ކަމަށެވެ. ބައެއް ބިންތައް ގަނެފައި ވަނީ އެމެރިކާގެ އަސްކަރީ ބައެއް ވަސީލަތްތައް ހުންނަ ސަރަހައްދަކުން ކަމަށް ވެސް ބުނެފައިވެއެވެ.

އެމެރިކާގެ ގާނޫނު ހާދާ މަޖިލިހުގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ގަނެފައިވާ ޗައިނާގެ ރައްޔިތުން ކާބޯތަކެއްޗާއި ހަކަތަ ސަޕްލައި ކުރުމުގެ ކޮންޓްރޯލް ނަގާފާނެތީއެވެ. އަދި އެމެރިކާގެ މައުލޫމާތުތައް ނަގައި ޗައިނާ އަށް ފޯރުކޮށްދީފާނެ ކަމުގެ ބިރު އޮތް ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ގަބޫލު ކުރައްވައެވެ.

މިދިޔަ 40 އަހަރުގެ ތެރޭގައި ވެސް ޗައިނާގެ ކުންފުނިތަކާއި އިންވެސްޓަރުން ވަނީ އެމެރިކާ އިން ބިން ގަނެފައެވެ. އެގޮތުން އެމެރިކާގައި އެންމެ ބޮޑަށް އޫރު މަސް ޕްރޮސެސް ކުރަމުން އަންނަ ސްމިތުފީލްޑް ފުޑްސް ވެސް ދާދި ފަހުން ގަނެފައި ވަނީ ޗައިނާގެ ކުންފުންޏަކުންނެވެ. އެކަމަކު، އެންބީސީ ނިއުސްގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ޗައިނާގެ ރައްޔިތުން ބިން ގަނެފައި ވަނީ ވަރަށް މަދުންނެވެ.