ރާއްޖޭގައި ތެލެސީމިއާ އަށް ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކެމްޕެއިން ލޯންޗުކޮށް ދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ގައުމީ ކެމްޕެއިންގެ މަގްސަދަކީ ތެލެސީމިއާއާ ގުޅިގެން ލޭ އަޅާ ކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތަ އަށް ދަށް ކުރުމެވެ.
މީގެ އިތުރުން ގައުމީ ފެންވަރުގައި އާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމާއި، މި ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ ޓެސްޓްކުރުން ހިމެނެއެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ކުރިއަށް ގެންދާ މި ގައުމީ ކެމްޕެއިންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުމުގެ ސެޝަން ކުރިއަށް ގެންދާނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާ އަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށާ، އެ ސްކޫލްގެ ގްރޭޑް 10 ގައި ކިޔާވާ ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.. މީގެ އިތުރުން ކުރިއަށް އޮތް 4 މަސްދުވަހުގެތެރޭގައި ގްރޭޓަރ މާލޭ ސަރަހައްދުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ.
ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!