ހދ. ވައިކަރަދޫ އިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހްކޮށް އެރަށުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލައި ވައިކަރަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ބުނެފައިވާގޮތުން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އެކަށައަޅާ ފާސްކޮށް، 31 ޑިސެންބަރު 2023 ގައި ގެޒެޓް ކުރި "ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" ވަނީ އެ ކައުންސިލުން މިހާރު އިސްލާޙްކޮށްފައެވެ.

Ad
rt

މިގޮތުން 23 ޖަނަވަރީ 2024ގައި ބޭއްވުނު ކައުންސިލްގެ އާއްމުޖަލްސާއިން އެ އުސޫލު އިސްލާޙް ކުރުމަށްފަހު 24 ޖަނަވަރީ 2024 ގައި ވަނީ އިސްލާހްކުރެވުނު އުސޫލު ގެޒެޓް ކޮށްފައެވެ. އެހެންކަމުން އެ އުޞޫލާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާ ފަރާތްތަކުން މިއަދުން ފެށިގެން 25 މާރިޗް 2024 ވާ ހޯމަދުވަހުގެ މެންދުރު 13:00 އާއި ހަމައަށް އެރަށުން ގޯއްޗަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ވައިކަރަދޫ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

އެރަށުން ގޯއްޗަށް އެދުމަށް އަލުން ހުޅުވާލުމާއެކު 15 ޖަނަވަރީ 2024ގައި އެރަށުން ގޯތި ދޫކުރުމާއި ގުޅޭގޮތުން ކައުންސިލުން ކުރި އިޢުލާން ބާތިލްކުރެވިފައިވާ ކަމަށް ވައިކަރަދޫ ކައުންސިލުން ބުނެއެވެ. އެ ޢިއުލާން ބާތިލުވި ނަމަވެސް އެ އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ފޯމްތައް ބާތިލުނުވާނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެ ފޯމްތަކާމެދު އަމަލުކުރުމުގައި ބަލާނީ އިސްލާޙްކުރެވިފައިވާ އުޞޫލުގެ ދަށުންކަމަށާއި، އަދި ކުރިން ހުށަހަޅުއްވާފައިވާ ފޯމަށް އެއްވެސް ބަދަލެއްގެނެސް އަލުން ހުށަހަޅުއްވަން ބޭނުންވާނަމަ 25 މާރިޗް 2024ގެ ކުރިން އެ ބަދަލެއްގެނެސް އަލުން ފޯމް ހުށަހެޅުމުގެ ފުރުޞަތު ވެސް އެ ކައުންސިލުން ވަނީ ދީފައެވެ.

އެރަށުން މި ބުރުގައި ޖުމްލަ 107 ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވާއިރު، އެ ގޯތިތައް ދޫކުރުމަށް ނިންމާފައި ވަނީ ރަށުގެ ހުޅަނގުކޮޅުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 42 ގޯތި އަދި އިރުމަތީ ކޮޅުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 65 ގޯއްޗެވެ. މި ގޯތިތަކަކީ 2500 އަކަފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ ގޯތިތަކެކެވެ.

އެރަށުން ގޯއްޗަށް އެދޭ ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ވައިކަރަދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. އަދި އީމެއިލްގެ ޒަރީއްޔާއިން ފޯމު ހުށަހަޅަން ބޭނުންނަމަ، އެކަމަށް ދީފައިވާ މުއްދަތުގައި އެ އިދާރާގެ އީމެއިލް info@vaikaradhoo.gov.mv އަށް ފޯމު އީމެއިލް ކުރެވޭނެއެވެ.

މިގޮތަށް ފޯމު ހުށަހަޅާ ފަރާތްތަކުން ރަސްމީގަޑީގައި ވައިކަރަދޫ ކައުންސިލްގެ ނަންބަރު 6520046 ފޯނަށް ގުޅައި، ހުށަހެޅި ފޯމު ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަށް ވައިކަރަދޫ ކައުންސިލުން ވަނީ އެދިފައެވެ.

ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަނޑާރަ ގޯއްޗަށް އެދެން ބޭނުންވާ ފަރާތްތަކުން 25 މާރޗް 2024 ވާ ހޯމަދުވަހުގެ މެންދުރު 13:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ކައުންސިލުން ވަނީ ހުޅުވައިލައިފައެވެ.