ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ.

މި މެޗު ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ލެމީން ޔަމާލް ތަވަސް ކޮށްދިން ފުރުޞަތެއްގައި ފެރާން ޓޯރޭސް ކާމިޔާބު ކޮށްދިންއިރު، އެ ޓީމްގެ ދެވަނަ ލަނޑު 48 ވަނަ މިނެޓުގައި ޔަމާލް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ކާމިޔާބު ކޮށްދިނީ ވެސް ޓޯރޭސް އެވެ.

Ad
rt

ބާސާ ދެ ލަނޑުގެ ލީޑަކާއިއެކު ކުޅެމުން ދަނިކޮށް ބެޓިސް އިން ވަނީ ތިން މިނެޓްތެރޭ ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ބާސާގެ ކީޕަރު އަތުގައި ޖެހިފައި ނުކުތްބޯޅަ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން އިސްކޯ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ހެންރީކޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައިދިނީ ވެސް އިސްކޯއެވެ.

ބާސާގެ ތިންވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެލިކްސްއެވެ. ފެރާން ޓޯރޭސްއާއި ފެލިކްސް ގުޅިގެން ތަނަވަސްކުރި ފުރުޞަތުގައި ފެލިކްސް ވަނީ ބޫޓުގެ ބޭރު ފަރާތުން ޖަހައި ބޯޅަ ގޯލުގެ ކައިރިކަނަށް ވައްދާލާފައެވެ. މެޗުގެ ހަތަރުވަނަ ލަނޑު ޖެހީ ޓޯރޭސް އެވެ. އޭނާ ހެޓްރިކް ފުރިހަމަ ކޮށްފައި ވަނީ އުފެއްދި ކައުންޓަ އެޓޭކެއްގައި ޔަމާލް ދިން ބޯޅައަކުންނެވެ. މިއީ އޭނާ މި ސީޒަންގައި ލީގުގައި ޖެހި ހަތްވަނަ ލަނޑެވެ.

މި މޮޅާއިއެކު ބާސާ އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 20 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު އެއްވަނާގައި އޮތް ޖިރޯނާއާއި އަށް ޕޮއިންޓްގް ފަރަގެއް އެބައޮތެވެ. ބާސާއާއި ދެވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މެޗުން ބަލިވި ބެޓިސް މިވަގުތު އޮތީ ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ.