ހުޅުމާލޭ ފޭސް 2 ގައި އަޅަމުންދާ ދާއިމީ ބޮޑު މިސްކިތެއް މި ރޯދައަށް ނިމޭނެކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް 2 ގައި އަޅަމުންދާ މިސްކިތްތަކުގެ މަސައްކަތް ބައްލަވާލެވުމަށް ޝަހީމް ވަނީ އެ މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓްތަކަށް ޒިޔާރަށް ކުރައްވާފައެވެ.
އެއަށްފަހު މިރޭ ''އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް މިރޭ ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ދާއިމީ މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.
''އަމިއްލަ ފަރާތްތަކުން އަޅަމުންދާ 5 މިސްކިތެއްގެ ތެރެއިން 1500 މީހުންގެ ޖާގައިގެ ދާއިމީ ބޮޑު މިސްކިތެއް މި ރޯދައަށް ނިމޭނެ.'' ޝަހީމް ވިދާޅުވިއެވެ.
ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ދާއިމީ މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް މިދަނީ ވަރަށް ގާތުން ބަލަމުން. އަމިއްލަ ފަރާތްތަކުން އަޅަމުންދާ 5 މިސްކިތެއްގެ ތެރެއިން 1500މީހުންގެ ޖާގައިގެ ދާއިމީ ބޮޑު މިސްކިތެއް މި ރޯދައަށް ނިމޭނެ. އިންޝާ ﷲ. pic.twitter.com/kasThdpLJ6
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 18, 2024
ޝަހީމް ވިދާޅުވީ އެހެން މިސްކިތްތައް ރޯދައިގެ ފަހަށް ނިންމޭނެ ކަމަށެވެ. އަދި ހުރިހައި ދާއިމީ މިސްކިތްތައް ގިނަވެގެން 2 އަހަރު ތެރޭ ނިންމޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
''އަހަރުތަކެއް ވެފައިވާ ބައެއް މަޝްރޫޢުތައް އިންޝާ ﷲ ދެން ލަސްތަކެއް ނުވެ ނިމޭނެ. ފޭސް ދޭއްގެ ދާއިމީ މިސްކިތްތައް އަވަހަށް ނިންމުމަށް އެހީތެރިވުމަކީ ރައީސް ޑރ މުއިއްޒުގެ އަމާޒު.'' ޝަހީމް އިތުރަށް ވިދާޅުވިއެވެ،
ވަޒީރު ވިދާޅުވިގޮތުގައި ހުޅުމާލޭ ފޭސް 2ގެ މިސްކިތްތައް ނިމޭ އިރު އެތަން ވެގެންދާނީ ރީތި ފުރިހަމަ މިސްކިތްތަކެއް ހުރި އަވަށަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!