ހދ.ނައިވާދޫގެ ޒުވާނުން އިސްނަގައިގެން އެރަށު ބޮޑު މިސްކިތަށް (މަސްޖިދުލް އައްވާބީން) ތްރީފޭސް ކަރަންޓްލައި އޭސީ ހަރުކޮށް ނިންމައި ކައުންސިލާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ ދަށުން އެ މިސްކިތުގައި ވަނީ 24000 (ސުއުވީސް ހާސް) ބީޓީޔޫގެ 12 އޭސީ ހަރުކޮށްފައެވެ. މަސައްކަތް ނިންމާ ރަސްމީކޮށް މިސްކިތް ކައުންސިލާއި ހަވާލުކޮށްފައި ވަނީ އިއްޔެއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ބުނީ އެ ރަށު ބޮޑު މިސްކިތަށް ތްރީފޭސް ކަރަންޓްލައި މިސްކިތް އޭސީ ކުރުމުގެ މަސައްކަތަކީ އެ ރަށުގެ ޒުވާނުން އިސްނަގައިގެ މިދިޔަ އަހަރުގެ ތެރޭ ފަށާފައިވާ މަސައްކަތެއް ކަމަށާއި، މިކަމަށް ބޭނުންވާ ތަކެތި އެކި ފަރާތްތަކުގެ އެހީތެރިކަމާއިއެކު ހޯދާފައި ވަނީ އެ ޒުވާނުން ކަމަށެވެ. އަދި އެ މަސައްކަތް އަމަލީގޮތުން ކޮށްފައި ވަނީ ވެސް ޒުވާނުންކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އޭނާ އިތުރަށް ބުނީ ރަށުގައި ޒުވާނުން އިސްނަގައިގެން ކުރަން ރާވާ މިފަދަ މަސައްކަތްތައް ކުރިޔާލައި ކައުންސިލާއި ވާހަކަ ދައްކައިގެން ޕްލޭން ކުރެވިގެން ގެންދެވިއްޖެނަމަ މާލީގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ކައުންސިލަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ޒުވާނުން އިސްނަގައިގެން މިފަދަ މުހިންމު މަސައްކަތެއް ފުރިހަމަކަމާއިއެކު ކޮށް ނިންމާލާފައިވާތީ، މިކަމުގައި އިސްކޮށް އުޅުނު ހުރިހާ ފަރާތްތަކަށާއި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ނައިވާދޫގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި އަދި ކައުންސިލް ގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
ކައުންސިލުން އިސްނަގައިގެން އެ މިސްކިތައް ބޭނުންވާ އެއާކާޓަން މިހާރު ވަނީ ގެނެސްފައެވެ. އަދި އޭސީތައް ހިންގަން ފެށުމާއިއެކު ކަރަންޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ ގޮތުން ކައުންސިލުން އިސްނަގައިގެން އެ މިސްކިތް ސޯލާ ހަކަތައިން ބޭނުން ކުރެވޭ މިސްކިތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ކައުންސިލުން ފަށާފައެވެ.
މުޖުތަމައެއް ހެޔޮގޮތުގައި ކުރިއަރައި ދިޔުމަށް ޒުވާނުންގެ އިސްނެގުމަކީ މުހިންމު ކަމެއްކަމަށާއި، މި މަސައްކަތުގައި ޒުވާނުން އިސްނެގިނެގުމަކީ ކައުންސިލުން އުފަލާއިއެކު ބަލައިގަންނަ ކަމެއްކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!