ދިވެހި ދިފާޢީ ބާރަށް ޒަމާނީ ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ދިފާޢީ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން މިއަދު ހަވީރު ނެރުނު ނޫސްބަޔާނެއްގައި ދިވެހި ޤައުމީ ދިފާޢީ ބާރަށް ޤާނޫނުއަސާސީ އާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި ކަންކަން ބަޔާންކޮށް ބުނީ ވެހި ދައުލަތް ހިމާޔަތްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަކީ ދިފާޢީ ބާރުގެ މައްޗަށް މަތިކުރެވިފައިވާ ކަންކަކަމަށެވެ.
މީގެ އިތުރުން ރާއްޖެއަށް އްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އެ ނޫން ވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތް ކުރުމާއި ކަނޑާއި އެއްގައުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަކީ ވެސް ދިފާޢީ ބާރުގެ ޒިންމާއެއްކަމަށް ބަޔާނުގައި ބުނެފަވެއެވެ.
ޤައުމީ ދިފާޢީ ބާރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބުނެދެމުން އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ރާއްޖެއިން އަދާކުރަން ޖެހޭ ޒިންމާތަކެއް ވަނީ ހިމަނާފައެވެ. އެހެންކަމުން ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިން އަދި މެރިޓައިމް ޓެރަރިޒަމް ފަދަ "ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސް" ހުއްޓުވުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ އެކްސިޑެންޓްތަކާއި އެހެނިހެން ހާދިސާތަކުގައި މީހުން ފުރާނައާއި މުދާ ސަލާމަތް ކުރުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި އިސްވެ ހަރަކާތްތެރިވާންޖެހޭ ފަރާތަކީ ދިވެހި ޤައުމީ ދިފާޢީ ބާރުކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.
ދިފާޢީ ބާރުން ބުނެފައިވާ ގޮތުގައި އެ ބާރާއި ހަވާލުވެފައިވާ މިފަދަ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލްކަން ހުރި އަދި ބަދަލުވަމުންދާ ސަލާމަތީ މަސްރަހުގައި ކުރިމަތިލާންޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލްކަން ހުރި ޒަމާނީ އަސްކަރިއްޔާ އަކަށް ދިވެހި ސިފައިން ހެދުމަކީ ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސް ޑރ. މުހައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއްކަންތައް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
"އެހެންކަމުން ސިފައިންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފައާއި، ދިވެހި ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމުތަކާއި ވަސީލަތްތައް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ހޯދާދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިވުޒާރާ އިން މިދަނީ ކުރަމުންނެެވެ،" ދިފާޢީ ވުޒާރާގެ ބަޔާންގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!