މަކުނުދޫ އެއާޕޯޓު މި ސަރުކާރުން ނާޅާނެ ކަމަށާއި، މި ސަރުކާރުން ހއ. އަތޮޅާއި، ހދ. އަތޮޅު ބޮޑުތަނުން ބާކީކޮށްލާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިދިޔަ އެމްޑީޕީގެ ސަރުކާރުން ވަނީ ފަށާފައެވެ. މިގޮތުން ވެރިކަމުގެ ފަހު އަހަރު (2023 ވަނަ އަހަރު) ޖޫން މަހުގެ 22 ވަނަ ދުވަހު މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބިގް ފިޝް ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. އަދި އެ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ވަނީ އެކަމުގެ އަމަލީ މަސައްކަތް ފަށާފައެވެ.
1500 މީޓަރުގެ ރަންވޭ އަކާއެކު މަކުނުދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި މަކުނުދޫ ތަމްސީލްކުރައްވާ މެންބަރު މުޙައްމަދު ރާޢީ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުން ދެން އެ މަޝްރޫޢު ކުރިއަށް ނުގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ވެރިއަކު ދެން އެވާހަކަ ނުވެސް ދައްކާނެ ކަމަށެވެ.
''އެމްޑީޕީ ސަރުކާރުން މަކުނޫގައި އެޅުމަށް މަސައްކަތް ފަށާފައިވާ އެއާޕޯޓް މި ސަރުކާރުން ދެން ނާޅާނެ، މި ސަރުކާރުގެ އެއްވެސް ވެރިއެއް އެވާހަކަ ދެންނުވެސް ދައްކާނެ، މި ސަރުކާރުން އަދި ހަމަ ހއ. ހދ. ބޮޑުތަނުން ބާކީ ކޮށް ކުރިމަގުގައި ބޮޑުތިލަދުންމަތި ބޮޑުތަނުން ފަޅުކޮށްލާނެ'' ރާޢީ ވިދާޅުވެފަވެއެވެ.
މަކުނުދޫ އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 24 ގައި ފަށާފައިވާއިރު، އެރަށުގައި އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ވެސް ޖަހާނެއެވެ.
ބިގްފިޝް މިމަސައްކަތް ހަވާލުކުރީ 16 މިލިއަން ޑޮލަރަށް، 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެ މަސައްކަތް މެދު ނުކެނޑި މިހާރު ވެސް ކުރިއަށް އެބަދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!