ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި އަންނަ ދިރޭސީ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް އެވެ.
ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގެ ބައެއް ނިންމުންތައް ވެސް އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި ނިންމުންތައް ނިންމަވާފައިވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، އޭގެ ތެރެއިން އެއް ނިންމެމުކީ ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއް ތަޢުލީމީ މަންޙަޖުގައި ހިމެނުން ކަމަށެވެ.
އެއާއެކު އަންނަ ދިރާސީ އަހަރު އެ މާއްދާކިޔަވައިދޭން ފެށަން ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާއިރު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމެއް މިހާރުވަނީ އެކަށަހަޅުއްވާފައެވެ. މިގޮތުން ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ''ހަފުތާ 14'' ގައި ހިމަނައިގެން ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ތެރެއިން ތިން އިދާރާއެއް 10 ޑިސެމްބަރު 2023 ގައި ގާއިމު ކުރައްވާފައެވެ.
އެ އިދާރާތަކަކީ ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި އަދި ދިވެހި ޤައުމީ ޗާޕުޚާނާ އެވެ.
ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމު ގާއި ކުރުމުގެ މަސައްކަތަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ހިންގާ މަސައްކަތެކެވެ. ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތަކީ މި ދާއިރާއިން ޢިލްމީ ޤާބިލު ބަޔަކު އުފައްދައި، ދިރާސާވެރީން ހޯދައި ކިޔަވައިދިނުމާއި ދިވެހި އަމިއްލަވަންތަކަމުގެ ޢިލްމީ ޤާބިލުކަން މީހުންގެ ކިބައިގައި އަށަގެންނެވުމެވެ.
ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ ދައުރަކީ، ދިވެހިވަންތަކަމުގެ ޢިލްމެއް އުފަންކޮށް އިޢާދަކޮށް ދެމެހެއްޓުމުގައި ދެމިއޮތުމެވެ. މިގޮތުން، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަށް ބޭނުންވާ ޢިލްމީ މަޢުލޫމާތުތައް އެއްކުރުމާއި، ދިރާސާކޮށް ޢިލްމީ ލިޔުންތައް އެކުލަވާލުމާއި، ދިރާސާތައް ޝާއިޢުކުރުމާއި ޤައުމިއްޔަތުގެ ޢިލްމީ ކޮންފަރެންސްތައް ބޭއްވުމާއި އަދި ޤައުމިއްޔަތުގެ ޢިލްމަށް ހޭލުންތެރިކުރުވުން މީގެތެރޭގައި ހިމެނެއެވެ. އަދި ދިވެހި ޤައުމީ ޗާޕުޚާނާގެ ދައުރަކީ މި ނިޒާމުން އުފައްދާ ދިވެހީންގެ ދިވެހި އުފެއްދުންތައް އާންމުކޮށް ފެތުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!