ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ އިބްރޭ މިހެން ވިދާޅުވީ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ހޮވުމުން، އިބްރޭ ސަރުކާރަށް ''ވައްބަހުން ޖެއްސެވީ'' އަންނަ ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ހަދިޔާކުރާނެކަން ސަރުކާރުން ޢިއުލާންކޮށްފައި ވަނިކޮށް އާޒިމް މޭޔަރުކަން ކާމިޔާބު ކުރެއްވުމުން ކަމަށް ބެލެވެއެވެ.
އިބްރޭ ވިދާޅުވީ، ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެކަމަށެވެ. އަދި ޢީދު ރޯދައަށް އަތަރުފުޅިއަކާއި، އުނުފޮށައަކާއި އިހުގެ ރަސްކަމުގެ ފަރާތުން ދިންގޮތައް ދިނަސް ރައްޔިތުން މިއަދު އަޅުދާސް ނުވާނެކަމަށް އިބްރޭ ވިދާޅުވެފައެވެ.
ބަނޑުހަނޑުލަކީ ފޯޔަކު ބާރަނާޅި މަގުން ހަނގުބޭކަލުން (ކުރީ ރަމާނުގައި ދިވެހިރާއްޖޭގެ ރަސްގެފާނުގެ ލަޝްކަރު) ނަށް ދައުލަތުން ދެއްވައި އުޅުނު ހަނޑަށް ކިޔާ ނަމެކެވެ.
އިބްރޭ މިހެން ވިދާޅުވެފައިވާއިރު، އަންނަ ރޯދަމަހު ސަރުކާރުން ރައްޔިތުންނަށް ހިލޭ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށްބަސްތާއެއް ހަދިޔާކުރަން ސަރުކާރުން ވަނީ ނިންމާ އެކަން ޢިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!