މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބޮޑެތި އުޅަނދުތައް ޒަރޫރީކަމެއްގައި ނޫނީ ނުދުއްވަން އެދިއްޖެ

Moosun

މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން  ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ.

އެހެންވެ މަގުތަކުގައި ފެންހިނދި މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން އެދޭކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ފުލުހުންނާއި ސިފައިން ވެސް އަންނަނީ ފެންހިންދުމުގައި މަސައްކަތް ކުރަމުންނެވެ.

މިދެ މުއައްސަސާގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވެސް އަންނަނީ މާލޭގެ ގޭގެއަށް ފެންވަނުމުން ރައްކާތެރިކޮށް ދިނުމަށް ވެލިބަސްތާ ޖައްސައިދިނުމުގައި ބައިވެރިވަމުންނެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މިރޭ ބުނެފައިވާ ގޮތުގައި މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ. ކުޑަހުވަދޫގައި ފެންބޮޑުވެގެން މިރެއާއި ހަމައަށް އެ އޮތޯރިޓީއަށް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ވެސް ބުނީ، ލ. މާމެންދުއާއި ހިތަދޫގައި ފެންބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި