ހދ. އަތޮޅުގެ އެއްވެސް ފަޅެއް ވިޔަސް ފަޅުރަށެއްގެ ވެސް މިލްކުވެރިކަން އަތޮޅު ކައުންސިލަށް ލިބިފައިނުވާ ކަމަށާއި، ޤާނޫނީ ގޮތުން މިލްކުވެރިކަން ނެތް ތަނެއްގައި އިންވެސްޓެއްކުރުމަކީ މާލީގޮތުން ހިރާސް އޮތްކަމެއްކަމުން އަތޮޅުގައި ޕިކްނިކް އައިލެންޑްގެ މަސައްކަތް ނުކުރެވި އޮތީ އެހެންވެކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފިއެވެ.
ހދ. އަތޮޅުކައުންސިލުން މިހެން ބުނީ ''ހދ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ހުށަހެޅި ހުށަހެޅުން ބޭރުކޮށްލައިފި''ކަމަށް ނޫހެއްގައި ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
ލާމަރުކަޒީ ޤާނޫނާއި ހަވާލާދީ އެ ބަޔާނުގައި ބުނެފައި ވަނީ އަތޮޅު ކައުންސިލެއްގެ ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ އެންމެހާ ފަޅުތަކާއި ފަޅުރަށްތަކުގެ މިލްކުވެރި ފަރާތަކީ ދައުލަތް ކަމަށެވެ.
''ކަންމިހެން އޮތުމާއެކު ހދ. އަތޮޅު ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ އެއްވެސް ފަޅެއް، ފަޅުރަށެއްގެ މިލްކްވެރިކަން ހދ. އަތޮޅު ކައުންސިލަށް ލިބިފައެއް ނުވެއެވެ.'' އެ ބަޔާނުގައި ބުނެފައި ވެއެވެ.
ހދ. އަތޮޅުގެ ވައިކަރަމުރައިދޫގައި ޕިކްނިކް އައިލެންޑެއް ހެދުމަށް މިދިޔަ އަހަރު މަޝްވަރާކޮށް، ކުރީ ސަރުކާރުގެ ދުވަސްވަރު ދައުލަތުގެ އިދާރާތަކަށް އެކަން ހުށަހެޅިކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ. ނަމަވެސް އެކަމަށް ރަށެއް ސަރުކާރުން ހަމަޖައްސައިދީފައި ނުވާކަމަށް އެބަޔާނުގައި ވެއެވެ.
އެހެންކަމުން ޤާނޫނީގޮތުން އެއްވެސް މިލްކުވެރިކަމެއް ލިބިފައިނުވާތަނެއްގައި އިންވެސްޓްމަންޓެއް ކުރުމަކީ ނުވަތަ އެއްވެސް ބާވަތެއްގެ ޚަރަދެއް ކުރުމަކީ ޤާނޫނީގޮތުން ގޮންޖެހުންތަކެއްހުރި އަދި މާލީގޮތުން ހިރާސް އޮތްކަމެއްކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފަވެއެވެ.
''މި މައްސަލައަކީ ބަޖެޓް ފާސްކުރުމަށް ވޯޓަށް އެހުމަށް ބޭއްވުނު ޢާންމު ޖަލްސާއަށް ހުށަހެޅުނު ކަމެއް ނަމަވެސް ބަޖެޓް ފާސްކުރުމަށް ބޭއްވުނު އެއް ދުވަހުގެ މަޝްވަރާ ބައްދަލުވުންތަކުގައި އެއްވެސް މެންބަރަކު އެއްވެސް ވަރަކަށް ޚިޔާލުދެއްވައި މަޝްވަރާކޮށްފައިވާ މައްސަލައެއް ނޫނެވެ.'' ހދ. އަތޮޅު ކައުންސިލުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!