ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާއިން ފަހުވަގުތު އެތުލެޓިކޯ މެޑްރިޑް ބަލިކުރިއިރު، މަޔޯކާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމް އެތުލެޓިކޯގެ މައްޗަށް ކުރިހޯދީ 4-3 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ޖުމްލަ ފަސް ލަނޑު ފެނިގެން ގޮސްފައެވެ. ފުރަތަމަ ލަނޑު ޖިރޯނާއިން ޖެހިއިރު، މި ލަނޑު ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފެނާންޑޭޒް އެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި މޮރާޓާ ލަނޑުޖަހައި އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ޖިރޯނާގެ ދެވަނަ ލަނޑު 26 ވަނަ މިނެޓުގައި ސަވިއޯ ޖަހަދިންއިރު ތިންވަނަ ލަނޑު 39 ވަނަ މިނެޓުގައި ޖެހީ ޑެލީ ބްލިންޑެވެ. އެތުލެޓިކޯގެ ދެވަނަ ލަނޑު 44 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް މޮރާޓާއެވެ.
މެޗުގެ 55 ވަނަ މިނެޓުގައި މޮރާޓާ ވަނީ ލަނޑުޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށް އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން ޖިރޯނާ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތު ތެރޭ ޖަހައިދިނީ އިވާން މާޓިން އެވެ.
ރޭ ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗު ރެއާލުން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ރެއާލުން ޖެހި ހަމައެކަނި ލަނޑު 78 ވަނަ މިނެޓުގައި މޮޑްރިޗް ނަގައިދިން ކޯނަރަކުން ޖަހައިދިނީ ރުޑިގާއެވެ.
މި ނަތީޖާތަކާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް މެޑްރިޑް އޮތީ ކުޅުނު 19 މެޗުން ލިބުނު 48 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ޖިރޯނާއަށް ވެސް ވަނީ މި އަދަދަށް ޕޮއިންޓް ލިބިފައެވެ. ރެއާލަށް އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ. ތިންވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 19 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ. ހަތަރު ވަނާގައި ބާސާ އޮތީ 18 މެޗުން ލިބުނު 38 ޕޮއިންޓާއި އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!